ހަބަރު

ކާނަލް ނާޒިމް ވެސް ރާއްޖެ ނައި، މުއްދަތު އިތުރުކޮށްދޭން އެދެފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދެފި އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔުމުގެ ހުއްދަ ނާޒިމަށް ދިނީ 21 ދުވަހަށެވެ. އެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.

މުއްދަތު ހަމަނުވިނަމަވެސް ކަރެކްޝަންސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ނާޒިމް އެނބުރި ރާއްޖެ އަންނަން ޖެހޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ނާޒިމް ރާއްޖެ އައިސްފައެއް ނުވެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ހަސަން ވިދާޅުވީ، ނާޒިމްގެ ފަރާތުން ފޮނުވި ސިޓީއެއްގައި ބޭސްފަރުވާ އަދި ނުނިމޭ ކަމަށާއި މުއްދަތު އިތުރުކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ، މުއްދަތު އިތުރުކޮށްދިނުމާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ނާޒިމް ވަނީ މީގެކުރިން ވެސް ވަނީ ލޮލުގެ ފަރުވާއަކަށް 44 ދުވަސް ސިންގަޕޫރުގައި ހޭދަކުރައްވާފަ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަނެ ކަމަށް ނާޒިމްގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ނާޒިމްގެ މައްޗަށް ދައުވާ ކުރީ ޖެނުއަރީ 18، 2015 ގެ ރޭގެ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިގެނެވެ.