ހަބަރު

ލޮނުގަނޑު ސާފުވުމުން ރަސްފަންނު ހުޅުވަން މުއިއްޒު މޫދަށް

ރަސްފަންނުގެ ލޮނުގަނޑު ސާފުވެ، ބީޗު އަލުން ހުޅުވުމުގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި އެ މިނިސްޓްރީގެ މުވައްޒިފުން މޫދަށް އެރިއްޖެ އެވެ.

ވެސްޓު ޕާކު ސަރަހައްދުން ކަނޑަށް ބާލައިފައި އޮތް ނަޖިސް ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން ރަސްފަންނުގެ ލޮނުގަނޑު ތަގައްޔަރުވެ މިދިޔަ މަހު ވަނީ މޫދަށް އެރުން މަނާކޮށްފަ އެވެ. ނަމަވެސް މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ބީޗުގެ ލޮނުގަނޑު މިހާރު ސާފުވެފައިވާ ކަމަށާއި މޫދަށް އެރުން ރައްކާތެރި ކަމަށެވެ.

އެގޮތުން އެ ބީޗު އަލުން ހުޅުވުމުގެ ގޮތުން މިއަދު 5:15 ހާއިރު މިނިސްޓަރު މުއިއްޒާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެހެނިހެން މުވައްޒިފުން ވަނީ ރަސްފަންނު މޫދަށް އެރެފި އެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެ ސަރަހައްދުގައި ކަނޑާއި ހަމައަށް އަޅާފައި އޮތް ނަޖިސްހޮޅި ފަޅާލީ ބަޔަކު ގަސްދުގައިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ އެކަމަށް އެމްޑީޕީއަށް ތުހުމަތު ކޮށްފަ އެވެ.