ހަބަރު

ސްކޫލް ކުދިންގެ ސިއްހަތު ކުރިއަރުވަން އާކް އިން ޕްރޮގްރާމެއް ފަށައިފި

ސްކޫލް ކުދިންނަށް ފައިދާހުރި ކާނާ ކެއުމަށާއި ހަރަކާތްތެރިވެ އުޅުމާބެހޭ ސްޓްރެޓެޖީތަކެއް ސްކޫލްގެ ފަރާތުން ކިޔަވައިދޭ ކުލާހާއި ކުލާހުން ބޭރުގައި ތަންފީޒުކުރާނެ ފުރުސަތު ހޯދައިދިނުމަށް އާކްގެ ފަރާތުން "ހީލްސްކޫލް ޗެލެންޖް" ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރެވެ.

ހީލް ސްކޫލް ޗެލެންޖަކީ ރާއްޖޭގެ ހުރިހާ ސްކޫލް ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް އެހީތެރިވުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށާއި ހަރަކާޓްތެރިވެ އުޅުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އާކް އާއި ޕީއެސްއެމް އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިއަދު ފެށި މި ޕްރޮގްރާމުގައި މާލޭގެ ނުވަ ސްކޫލަކުން ބައިވެރިވި އެވެ. ޕްރޮގްރާމްގައި ބައިވެރިވާ ސްކޫލްތަކަށް ބްރޮންޒް، ސިލްވާ އަދި ގޯލްޑް ކެޓަގަރީން ބައިވެރިވެވޭއިރު ކޮންމެ ލެވެލަކުން ފުރިހަމަ ކުރަން ހަމަޖެހިފައިވާ މިންވަރު ހާސިލްވުމުން އެސްކޫލަކަށް އެ ލެވެލެއްގެ މެޑެއްޔެއް ލިބޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓާ ޒެނީޝާ ޒަކީ ވިދާޅުވީ، ކުދިން ގިނަ ވަގުތުތަކެއް ސްކޫލުގައި ހޭދަކޮށް، އެކުދިންނަށް ލިބޭ ތަޖުރިބާގެ ބޮޑުބައެއް ސްކޫލަށް ހިއްސާކުރާއިރު ސްކޫލް މާހައުލަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާ ގޮތަށް ބައްޓަންކޮށްފައިވާ ތަނެއް ކަމުގައި ހެދުން މުހިއްމު ކަމަށެވެ. ސިއްހީ ރަނގަޅު އާދަތައް ޅަ އުމުރުގައި ކުދިންނަށް ދަސްކޮށްދިނުމަކީ ކުދިންގެ މުސްތަގުބަލް ބިނާކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް ޒެނީޝާ ވިދާޅުވި އެވެ.

އެޑިއުކޭޝަނުން ކޮންމެ އަހަރަކު ބާއްވާ ސްކޫލްކުދިންގެ ހެލްތު ސްކްރީނިން ޕްރޮގްރާމުން ގިނަ ކުދިންގެ ކިބައިން ސިއްހީ މައްސަލަތައް ފާހަގަ ވާއިރު އާކުން މިއަދު ފެށި ޕްރޮގްރާމަކީ ސްކޫލް ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ އަދަދު ދަށްކުރުމަށް އެހީވެދޭނެ ޕްރޮގްރާމެއް ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.