ރިޕޯޓް

އިބްތިހާލްގެ މަރަށް ނަހޫ-ސްޓައިލްގެ ޖަޒުބާތު ބަންޑުންވެއްޖެ!

މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ މަސައްކަތެއް ބޮޑު ސްކްރީނަށް ނާންނަތާ ފަސް އަހަރުވީ އެވެ. ނަމަވެސް ވ. ރަކީދޫގައި "މަރާލާފައި" އޮތްވައި ފެނުނު ތިން އަހަރުގެ އިބްތިހާލްގެ މައްސަލައާ އެކު ގައުމު ކެކި އަރައިގަތް ވަގުތު ނަހުލާގެ ފިލްމު އިންޖީނުގެއިން ވެސް ދުން އަރަން ފަށައިފި އެވެ.

އޭނާ އާ ފިލްމަކަށް ތައްޔާރުވަނީ އެވެ. އެ ފިލްމަކީ އިބްތިހާލްގެ "ރަހުމްކުޑަ" މަރާ ބެހޭ ހާއްސަ ފިލްމެކެވެ. "އެކޮއި" އަކީ ފިލްމަށް މިހާރު ދީފައިވާ ނަމެވެ.

އެހެންވީމަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ނަހޫސްޓައިލް ބޮޑު ސްކްރީނަށް އެނބުރި އަންނަނީ އެވެ. މި ޚަބަރާ އެކު އެއް ބަޔަކު އުފަލުން ގޮސް ރޮވުނުއިރު އަނެއް ބަޔަކު، ނަހުލާގެ މި އިސްނެގުމަށް ފާޑުކިޔަނީ އެވެ.

އެގޮތުން ނަހުލާ އަށް އަމާޒުކޮށް އެންމެ ވަރުގަދަ ހަމަލާއެއް ފޮނުވާލާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނާއިބު ރައީސް އަހުމަދު ތޮލާލް އެވެ. އިބްތިހާލްގެ މަރުގެ މައްސަލަ އަށް ނަހުލާ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިބްތިހާލްގެ މަރަށް އަދި އެންމެ ދެ ދުވަސްވެސް ނުވެގެން އުޅެނިކޮށް އެ ރަހުމްކުޑަ މަރުން ފައިދާ ނެގުމަށް ފިލްމެއް އިއުލާނުކުރީ ކަމަށެވެ.

މި ރާގުގައި އޮންލައިން އެހެން ނޫސްތަކުގެ ކިޔުންތެރިން ވެސް ނަހުލާ އަށް މި މައްސަލައާ ގުޅުވައިގެން ފާޑުކިޔާފައިވެ އެވެ.

އެހެންވީމަ އިބްތިހާލްގެ މަރުގެ މައްސަލަ އަށް ނަހުލާ، އަވަސް އަރުވާލައިގެން ފިލްމެއް އިއުލާނުކޮށް އޭގެ މަސައްކަތް ފެށުމުގެ ބޭނުމުގައި އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟

ފާޑުކިޔާ މީހުން ބުނަނީ މިއީ ވަގުތުގެ ބޭނުން ހިފައި ފިލްމަކާ އެކު ބޮޑުސްކްރީނަށް އައުމަށް ނަހުލާ ޖައްސާ ވަރުގަދަ ސްޓަންޓެއް ކަމަށެވެ. އެއީ 2009 ވަނަ އަހަރު ނަހުލާ ޑައިރެކްޓްކޮށްގެން ނެރުނު "ޔޫސުފް" އަށް ފަހު އެހެން ފިލްމެއް އެ ފެންވަރުގައި ގެނެސްދެވިފައި ނެތްއިރު ފިލްމެއް ޑައިރެކްޓްވެސް ކޮށްފައި ނެތީމަ އެވެ.

ނަމަވެސް ނަހުލާ ބުނަނީ އިބްތިހާލްގެ މައްސަލަ އަށް ފިލްމެއް އުފެއްދުމުގެ ފަހަތުގައި ވިޔަފާރީގެ އެއްވެސް ދަހިވެތިކަމެއް ނެތް ކަމަށެވެ.

"މި ހާދިސާގެ މައްޗަށް ފިލްމެއް އުފައްދަނީ ފިލްމެއް އުފައްދާނެ ވާހަކައެއް ނެތިގެންނެއް ނޫން. އަޅުގަނޑަކީ ވާހަކަ ލިޔާ މީހެއް. އެހެންވީމަ މިދިޔަ ތިން ހަތަރު އަހަރު ވަންދެން އަޅުގަނޑު (ފިލްމެއްގެ މަސައްކަތް ނުފަށައި) ހުރީ ވާހަކައެއް ނެތިގެންނޭ ނުބުނެވޭނެ،" ފާޑުކިޔުންތެރިންނަށް ނަހުލާ ދިން ރައްދަކީ މިއީ އެވެ.

"މިއީ އެއްގޮތަކަށް ވެސް ވިޔަފާރީގެ އުސޫލުން އަޅުގަނޑުކުރާ ކަމެއް ނޫން. އަޅުގަނޑަށް ލާރި ނުލިބިގެން ފަށާ މަސައްކަތެއް ނޫން."

ކޮންމެއަކަސް ނަހުލާގެ "މިކޮއެ" ޕްރޮޖެކްޓް އިއުލާނުކޮށް އެއް ވަނަ ގިޔަރުގައި މަސައްކަތް ފެށުމަށް އޭނާ ވަނީ، ކުރިން އިއުލާނުކޮށްފައި އޮތް ނަހޫ-ސްޓައިލްގެ ބޮޑު ފިލްމު "ގިސް" ގެ މަސައްކަތް ވެސް ވަގުތުން އެއް ފަރާތަކަށް ޖައްސާލައިފަ އެވެ. އޭނާ ބުނަނީ އިބްތިހާލްގެ ވާހަކަ މި އަހަރު ބޮޑު ސްކްރީނަށް ގެނެސްދިނުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ.

އެހެންވީމަ މިހާ އަވަސް އަރުވާލައިގެން ހުރިހާ ކަމެއް ހުއްޓާލާފައި ނަހުލާ މި ފިލްމަކަށް ހާއްސަވާން ޖެހުނީ ކީއްވެ ހެއްޔެވެ؟

ފަހަރެއްގައި އޭގެ ޖަވާބަކީ، 2012 ވަނަ އަހަރު، ގްރޫޕަކުން ހަމަލާދީ މަރާލި ޒުވާނާ އަބްދުލް މުހީތު ނުވަތަ ބޮބީ އެވެ. ނަހުލާ އަކީ ބޮބީގެ އާއިލާގެ މެމްބަރެކެވެ.

ބޮބީގެ މަރަށް އިންސާފުނުލިބިގެން ހިތުގައި ޖެހިފައިހުރި ނަހުލާ ބުނީ އިބްތިހާލްގެ ވާހަކަ އަށް އޭނާ ފިލްމެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގެ މިފަދަ މައްސަލަތަކަށް އާންމު ހޭލުންތެރިކުރުވުމެވެ.

"މީގެ މަގުސަދަކީ މި މައްސަލަ މަތިން ގައުމު ހަނދާން ނެތި އަނެއްކާވެސް މިފަދަ މައްސަލަތައް ތަކުރާރުވާން ފަށާފާނެތީ މިކަމަށް އެންމެން ހޭލުންތެރިކުރުން،" ނަހުލާ ބުންޏެވެ.

އޭނާ ބުނީ ބޮބީ އަށް ވެސް އިންސާފު ނުލިބި އެ ވާހަކަ ވެސް މިހާރު އޮތީ ހަނދާން ނެތިފައި ކަމަށެވެ.

"ދެ ދުވަސް ފަހުން މި ވާހަކަ ވެސް މީހުން ހަނދާނެއް ނުހުންނާނެ. އަޅުގަނޑު ބޭނުމެއް ނޫން މިފަހަރު މި ވާހަކަ ހަނދާން ނެތިގެންދާކަށް،" ނަހުލާ ބުނީ މިހެންނެވެ.

"ފީޗާއެއްހެން އުފެއްދީމަ އޭގެ އިމޯޝަންތަކާ އެކު އައިސްގެން މީހުންނަށް އޭގެ ސަބަބުން ކުރާ އަސަރު މާ ބޮޑުވާނެ. ޔޫއެން އިން އިސްނަގައިގެން މިހާރު ވެސް އެބަހުރި ހޭލުންތެރިކުރުމުގެ ޑޮކިއުމެންޓްރީ އުފައްދާފައި. އޭގެ މާ ބޮޑު އަސަރެއް ނުކުރޭ. އެކަމަކު އަޅުގަނޑުމެން ފިލްމެއް އުފެއްދީމަ ކުރާ އަސަރު މާ ބޮޑު."

އެހެންވީމަ އަޅުގަނޑުމެންގެ ގައުމު މި އޮތީ ފިލްމަކުން ބަޔަކަށް ފިލާވަޅު ނަގައިދީގެން އިސްލާހުކުރެވޭ ފަދަ ހާލަތެއްގައި ހެއްޔެވެ؟ ނަހުލާ ބުނަނީ އޭނާ އެކަނި ވެސް މިކަންކޮށްފާނެ ކަމަށެވެ.

"އެންމެ ފިލްމަކުން މާ ބޮޑު ބަދަލެއް ނުފެނިދާނެ. އެކަމަކު އަބަދު އަޅުގަނޑުމެން މިފަދަ މައްސަލަތަކަށް ފިލްމުތައް އުފައްދާ ނަމަ އަޅުގަނޑު އެކަނި ނުކުމެގެން ވެސް މިފަދަ މައްސަލަތަކަށް ހައްލެއް ހޯދާނަން،" ނަހުލާ ބުންޏެވެ.