ހަބަރު

ޕީޖީ، ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް (ޕޮލިޓިކަލް) ޑރ. ޖޮސެފިން އޮޖިއަމްބޯއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދުގެ ހަވީރު 16:30 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގަ އެވެ.

މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައްވަމުން ގެންދަވާ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ ބައެއް ގާނޫނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ކޮމަންވެލްތުގެ ފަންނީ ބޭފުޅެއްގެ އެހީތެރިކަން ރާއްޖެއަށް ދެއްވުމާ ގުޅޭގޮތުން މައުލުމާތު ހުއްސާކޮށްފައިވެ އެވެ. އަދި މީގެ އިތުރުން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންއާބެހޭ މައުލޫމާތުތައް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް އެރުވުމުގެ ގޮތުން އެޕްލޭންގައިވާ ބައެއް މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރޮސިކިއުޓާ ޖެނެރަލް މައުލޫމާތު ހިއްސާކުރެއްވި އެވެ.

މީގެއިތުރުން ސްޓްރެޓީޖިކް ޕްލޭންގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމާ ބެހޭގޮތުންނާއި ޕްރޮސިކިއުޓަރުން ތަމްރީންކުރުމާ ގުޅޭގޮތުން ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ވެދެއްވޭނެ އެހީތެރިކަމުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްވަނީ ސްޓްރެޓީޖިކް ޕްލޭންގެ ކޮޕީއެއް އޮޖިއަމްބޯއަށް އަރުވާފަ އެވެ.