ރާއްޖެ ކުޅިވަރު

ޕޮއިންޓަކާއެކު ޕެލެގްރިނީ އަށް ހިތްހަމަޖެހުމެއް ނެތް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުުކުރި މެޗު 1-1 އިން އެއްވަރުވުމަކީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށް ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.

 ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ 41 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ ސަސްޕެންޝަންގައި ހުރި ފޯވަޑް ޑިއޭގޯ ކޮސްޓާގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ 11ގައި ކުޅެމުންދިޔަ ފްރާންސްގެ ފޯވަޑް ލޮއިކް ރެމީ އެވެ.

އެކަމަކު ޗެލްސީ އަށް މާގިނައިރަކު ލީޑު ނުހިފެއްޓުނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ ސްޕެއިންގެ މިޑްފީލްޑަރު ޑަވިޑް ސިލްވާ ޖެހި ލަނޑުންނެވެ.

މި މެޗު އެއްވަރުވުމުން ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން ވަނީ ދެވަނައިގައި އޮތް ސިޓީގެ މައްޗަށް އޮތް ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެލެގްރިނީ ބުނީ ނަތީޖާއާމެދު ހިތްހަމަނުޖެހޭ ކަމަށާއި ސިޓީ އަށް މި މެޗުން މޮޅެއް ހައްގު ކަމަށެވެ.

"ޗެލްސީ އަށް މުޅި މެޗުގައި ވެސް ލިބުނު އެންމެ ރަނގަޅު ފުރުސަތުން ލަނޑު ޖެހީ. ދެވަނަ ހާފުގައި ޗެލްސީގެ ފަރާތުން އެންމެ ޝޮޓެއް ވެސް ނުފެނޭ. ގިނަ މީހުން ބުނާނީ ޗެލްސީގެ ދަނޑުގައި ޕޮއިންޓެއް ހޯދުމަކީ ރަނގަޅު ނަތީޖާޢެއް ކަމަށް. އެކަމަކު މި މެޗުގައި ޗެލްސީ އަށްވުރެ ގިނަ ފުރުސަތުތައް އަހަރެމެންނަށް ލިބުނު. އަހަރެމެންނަށް މި މެޗުން މޮޅެއް ހައްގުވޭ،" ޕެލެގްރިނީ ބުންޏެވެ.

މި މެޗުގައި ޗެލްސީ އަށް ސިޓީގެ ގޯލަށް ފޮނުވާލެވުނީ އެންމެ ތިން ޝޮޓެވެ. މިއީ 2003 / 2004 ވަނަ އަހަރުގެ ސީޒަނަށް ފަހު ޗެލްސީން މެޗެއްގައި އެންމެ މަދުން ޝޮޓު ހެދި މެޗެވެ.

ޕެލެގްރިނީ ބުނީ ލީގުގައި ބާކީ 15 މެޗު އޮތްއިރު، ސިޓީ އަށް ލީގު ހޯދުމުގެ ފުުރުސަތު ނުގެއްލޭ ކަަމަށެވެ.

"މިއީ ވަރަށް މުހިންމު މެޗެއް. އެކަމަކު މިއީ ފައިނަލެއް ނޫން. އަހަރެމެންނަށް މިހާރު މި އޮތް ފަސް ޕޮއިންޓްގެ ތަފާތު ކުޑަކުރެވޭނެ. މި މެޗުގައި ކުޅުނު ގޮތަށް ކުރިއަށް އޮތް މެޗުތަކުގައި ކުޅެފިނަމަ އެއީ އުނދަގޫ ކަަމަކަށް ނުވާނެ،" ޕެލެގްރިނީ ބުންޏެވެ. -- ބީބީސީ