ހަބަރު

އިންޑިއާ-ރާއްޖެ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ހަދަނީ

  • އިންޑިއާގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ވިދާޅުވި
  • ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން އެއްބަސްވި
  • އިންޑިއާގެ ގުޅުމަކީ ރާއްޖެއަށް އެންމެ މުހިންމު ގުޅުން

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގައިދީން ބަދަލުކުރަން އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްއާ ބައްދަލުކުރައްވާފަ އެވެ.

މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ހެދުމުގެ އިތުރުން، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޓްރެވިންޑްރަމްގައި އެޑިއުކޭޝަނަލް އަދި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމަށް ރާއްޖެއިން ޝައުގުވެރިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭއިން ބާއްވަމުން އަންނަ އިންވެސްޓް ފޯރަމްގެ ތިންވަނަ ފޯރަމް މި އަހަރު ބާއްވަން ނިންމާފައިވަނީ އިންޑިއާގަ އެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ ދެ ފަރާތް ފައިދާވާ ގޮތަށް އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖެ އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ، އިންޑިއާއިން ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތްތެއްގައި ވެސް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި މެރިޓައިމް ސޭފްޓީ ގާއިމުކުރުމަށް ވެސް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް، ސުޝްމާއަށް ދެއްވި އެވެ. ސަލާމަތީ ކަންކަމާ ގުޅޭ ދާއިރާ އިން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެ ގައުމުގެ އެކުވެރިކަމުގެ މުހިންމު ރަމްޒެއްކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި އިންޑިއާގައި ހުންނަ ދިވެހި ސަފީރު އަހުމަދު މުހައްމަދު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ، އަހުމަދު ނަސީރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.