ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަދި އިސްތިގުލާލް ދެމެހެއްޓުމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) މުހިންމު ދައުރެއް އަދާކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އައިއެންއައިއޭ ގެ 50 ވަނަ އަހަރާއި ދުވަހާ ގުޅިގެން މިއަދު ހެނދުނު އެއާޕޯޓްގައި ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދާހިލީ ވަޒީރު ވިދާޅުވީ މައި އެ އާޕޯޓަކީ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާއި އިސްތިގުލާލު ރަމްޒުކޮށްދޭ ތަނެއް ކަމަށެވެ. އެގޮތަށް އައިއެންއައިއޭ އަކީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިގުލާލު ދައްކުވައިދޭ އެއާޕޯޓު ކަމަށެވެ.
އަދި ރާއްޖެއަށް މިނިވަންކަން ލިބުނުތާ އެއް އަހަރު ފަހުން ރާއްޖޭގައި އެއާޕޯޓެއް ހުޅުވިގެން ދިއުމާއެކު ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަދި އިސްތިގުލާލްގައި އެއާޕޯޓް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި މި އެއާޕޯޓް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއަށް އަށްވުރެ އިތުރަށް އެއާޕޯޓު ތަރައްގީވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ އާ މަޝްރޫއެއްގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށާއި އައިއެންއައިއޭ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭނެކަމަށެވެ. އަދި މި އެއާޕޯޓަކީ ދިވެހި އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައިވާ އެއާޕޯޓެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.