ވިޔަފާރި

މީރާގެ ހިދުމަތް ރަނގަޅު ކުރަން އިތުރު ކައުންޓަރުތައް ހަދަން ފަށައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިދުމަތް ރަނގަޅު ކުރަން އިތުރު ކައުންޓަރުތައް ހަދަން ފަށައިފި އެވެ.

މީރާގެ އޮޑިޓް އެންޑް އިންވެސްޓިގޭޝަންގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ މީރާގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ފްރަންޓް އޮފީހުގެ މަރާމާތެއް ކުރުމަށް އެތަން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

"ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން މިދަނީ. އެ މަސައްކަތުގެ ދަށުން އިތުރު ކައުންޓަރުތައް ހެދޭނެ. މީގެ އިތުރުންވެސް އިތުރު ބަދަލުތަކެއް ގެންނާނެ،" ފަތުހުﷲ ވިދާޅުވި އެވެ.

މީރާގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ފްރަންޓް އޮފީސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި  އެ އޮތޯރިޓީ ދޭ ޓެކްސް ދެއްކުމާއި މި ނޫންވެސް ހިދުމަތްތައް މިހާރު ދެމުން ގެންދަނީ މީރާގެ އެތެރޭގައި އޮންނަ ޕާކިން އޭރިއާގައި ޓެންޓް ޖަހައިގެންނެވެ.

ފަތުހުﷲ ވިދާޅުވި ގޮތުގައި ފްރަންޓް އޮފީސް މަރާމާތަށް ފަހު އަލުން ހުޅުވާއިރު، ގިނަ އަދަދެއްގެ ފޯމްތައް ހިފައިގެން އަންނަ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ މާހައުލެއް އޮންނާނެ ކަމަށެވެ.

"އޮފީސް ހުޅުވާއިރު ޓެކްސް ދައްކަން އަންނަ މީހުންނަށް އަމިއްލައަށް ބޭނުންވާ ފޯމް ސެޓް ޕްރިންޓް ކޮށްލެވޭނެ ގޮތްވެސް ހަދަން މި ދަނީ މަސައްކަތް ކުރަމުން،" ފަތުރުﷲ ވިދާޅުވި އެވެ.