ހަބަރު

އެންމެ ބޮޑު ކޭކާއެކު އެމްއޭސީއެލް ތާރީހުގެ ތެރެއަށް

ބޭރު ދުނިޔޭގެ ސަގާފަތުން ރާއްޖެއަށް އެތައް ކަމެއް އުފަންވަމުން އައިސް ކޭކުފެޅުންވެސް މިއޮތީ ދިވެހިންގެ ތެރޭގައި ވައިގައި ހިފާފަ އެވެ. އުފަން ދުވަހުގެ ޕާޓީތަކުންނާއި ކައިވެނި ޕާޓީތަކުން ފެށިގެން އަލަށް ދަރިޔަކު ލިބުމުން އަދި އަހަރީ ދުވަސްތަކުގައިވެސް ކޭކުފެޅުން މިހާރުވަނީ އާންމުކަމަކަށްވެފަ އެވެ. އެހެންވީމާ ކޭކެއް ފަޅައިގެން ތާރީހުގެ ތެރެއަށް ދެވޭނީ ގައިމުވެސް އޭގައި ހާއްސަ ކަންތައްތަކެއް ހުރެގެންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް (އެމްއޭސީއެލް) ކޭކު ފަޅައިގެން ތާރީހުގެ ތެރެއަށް މިދިޔައީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ކޭކު ފަޅައިގެންނެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ 50 ވަނަ އަހަރީ ދުވަހު އެމްއޭސީއެލުން މިވަނީ 50 ފޫޓު ބޮޑު ކޭކެއް ފަޅާފަ އެވެ. އަދިވެސް އޭގައި ތަފާތުކަމެއް އެބަހުއްޓެވެ. އެއީ ކޭކު ފެޅުމުގައި ބައިވެރިވީވެސް 50 މީހުން ކަމެވެ.

މިކޭކް ފެޅީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދާއި މިއަދު އުފަންދުވަސް ފާހަގަކުރާ އެމްއޭސީއެލްހެ މުވައްޒަފުން އަދި އިސްވެރިންނެވެ.

މިއީ 50 ފޫޓުގެ ކޭކު އަކަސް މީ ހަމަ ޕްލޭންކޮށް އައިސިން ޖަހާފައި އިން އާދައިގެ ކޭކެއް ނޫނެވެ. އެމްއޭސީއެލްގެ ހާއްސަ ޑިޒައިނަކަށް މި ކޭކު އަޅައިދީފައިވަނީ ކެކް އެންޑް ޑެކާ އިންނެވެ. މިކޭކުގައި އައިއެންއައިއޭ އަށް 50 އަހަރު ފާހަގަކުރ ާހާއްސަ ލޯގޯ އަކާއި ފްލައިޓެއްގެ އިތުރުން އެމްއޭސީއެލްގެ ލޯގޯވެސް ޖަހާފައިވެ އެވެ. އަދި އެއާޕޯޓުގެ ރަންވޭވެސް އެ ކޭކުގައި ދައްކާލާފައިވެ އެވެ.

އައިއެންއައިއޭގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހެނދުނުވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. އަދި އެމްއޭސީއެލްއިން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް 15 ކޮމްޕިއުޓާ ސިސްޓަމްވެސް ހަދިޔާކޮށްފަ އެވެ.