ހަބަރު

މީޑީއާގެ އާ ޒަމާނެއް ގެނައުމަށް ޕީއެސްއެމްގެ ޗެއާމަން ގޮވާލައްވައިފި

ރާއްޖޭގެ މީޑީއާގެ އާ ޒަމާނެއް ގެނެސްދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.

މަނިކު މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން ޒުވާނުންނަށް ކުޅިވަރާއި މުނިފޫހި ފިލުވުމަށް އުފެއްދި ހާއްސަ ޗެނަލް "ޔެސް" އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. މަނިކު ވިދާޅުވީ ކޮންމެ ބޮޑު ކަމެއް ލައިގަތުމުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ނަން ދެވޭ މީޑިއާ، އެފަދަ ހަގީގީ ބާރެއްގެ ގޮތުގައި ތަރައްގީކޮށްދޭނެ އާ ސިކުނޑިތަކެއް އުފައްދަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާބެހޭ ބިލާމެދު ނޫސްވެރި އާއިލާގެ ތެރޭގަ އޮތް ނުތަނަވަސްކަމަށް ދެވަނަ ވިސްނުމެއްގެ އުންމީދު ކުރާއިރު މީޑީއާގެ އެ އުންމީދުތައް ފުރިހަމަ ވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް ނޫސްވެރިކަމުގެ އާ ޒަމާނެއް ގެނައުމަށާއި ނޫސްވެރިންގެ އުދާސްތަކަށް ހައްލު ހޯދުމަށް ނޫސްވެރިންނާއި މީޑިއާ ވެސް ޒިންމާދާރު ބަޔަކަށްވެ ތަމްރީނު ހޯދަން ޖެހޭ އިރު އެ ގޮތް ހިޔާރު ކުރުމަކީ ނޫސްވެރި ކަމަށް އޮތް ކާމިޔާބީއަކަށްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި އެ މަގު ހިޔާރު ކުރުން ވެގެންދާނީ ރާއްޖޭގެ މީޑިއާ 'އަލް އިސްލާހު' އިން ފެށި ހިސާބުން އަނެއްކާވެސް ރީތި ހިސާބަކަށް ގެންދަން އަޅާ އިސްލާހީ ފިޔަވަޅަކަށް" މަނިކު ވިދާޅުވި އެވެ.