އަހުމަދު ރިލްވާން

ރިލްވާން ވަގަށް ނެގުމާ އަދީބާ ގުޅޭ ހެއްކެއް އަދިނެތް: އުމަރު

  • ކާރުގެ ވެރިޔާ ވަނީ ހައްޔަރުކޮށްފައި
  • މައުލޫމާތު ދިނުން ލަސްވީ ހެކި ހޯދުމަށް
  • ތަހުގީގު ނިންމުމަށް ހަލުއިކޮށް މަސައްކަތް ކުރެވޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅެމެއް އޮތް ކަމަށް އަދި ހެއްކެއް ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ޔަގީންކަމާއެކު ނުވަތަ ތުހުމަތާއެކު ވެސް ރިލްވާން ގެއްލުނު މައްސަލައާއި އަދީބާ ގުޅުމެއް އޮތް ކަމަށް އަދި ބުނެވެން ނެތް ކަމަށެވެ. އެގޮތަށް ބުނެވޭނީ އެކަށީގެންވާ ހެކި ލިބުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ގުޅުމެއް އޮތޯ ބުނެވޭނީ އެކަށީގެންވާ އެވިޑެންސް އޮވެގެން، އެހެން ނޫނީ އަޅުގަނޑުމެންނަށް ނުބެނެވޭނެ ގުޅުމެއް އޮތޭ، އެއީ އަޅުގަނޑުމެން ޒިންމާވާންޖެހޭ ދައްކާ ވާހަކަތަކަށް، އަދި އެއް ސީދާ އަދީބާ ގުޅުމެއް އޮތް ކަމުގެ ހެއްކެއް، އަޅުގަނޑުމެން މިދަނީ އެފަދަ ވާހަކައެއް އިވޭތީ އެކަން ތަހުގީގުކުރަމުން، ހެކި ލިބުމުން އަޅުގަނޑުމެން އެހެން ބުނާނަން،" އުމަރު ވިދާޅުވި އެވެ.

ރިލްވާން މައްސަލާގައި ފުލުހުން މައުލޫމާތުތައް ހާމަކުރުން ލަސްވި ސަބަބާ ގުޅޭގޮތުން މިނިސްޓަރު އުމަރު ވިދާޅުވީ، ސިޔާސީ ފޯޑިއަމެއްގައި ނުވަތަ މީޑިއާއެއްގައި އެއްޗެއް ލިޔާ އުސޫލުން ފުލުހުންނަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ. ފުލުހުން ވާހަކަ ދައްކާނީ ހެކި ލިބުމުން ކަމަށާއި ތޯތޯ ވާހަކަތަކެއް ފުލުހުން ނުދައްކާނެ ކަމަށެވެ.

އުމަރު ވިދާޅުވީ، ރިލްވާންއަށް ފާރަލީ މީހުން ވަރަށް ކުރިން ހައްޔަރުކުރި ކަމަށާއި ޝަރުއީ ކޯޓެއްގައި ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތުމުން އެމީހުން ކޯޓުން ދޫކޮށްލީ ކަމަށެވެ. އޭރު ރިލްވާންގެ މައްސަލައާ ގުޅޭ އެކަށީގެންވާ ހެކި ނެތުމުން ކާރުން ސާންޕަލް ނަގާ ތަހުލީލުކުރުމަށް ދެ ފަހަރެއްގެ މަތިން ބޭރަށް ފޮނުވި ކަމަށާއި ފުލުހުން މައުލޫމާތުތައް ހިއްސާކުރީ އެ ތަހުލީލުން ޕްޒިޓިވް އައިޑެންޓިފިކޭޝަނެއް ލިބުމުން ކަމަށެވެ. އަދި މިހާރު އެ ކާރުގެ ވެރިޔާ އާލިފު ރައޫފާއި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަދިވެސް މި މައްސަލަ އެއްކޮށް ނުނިމޭ ކަމަށާއި މައްސަލާގައި ތަހުގީގު ނިންމުމަށް ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.