ގޭންގުތަކުގެ ލީޑަރުން ކުށައް އަރައިގަތުން ހުއްޓާލައި އާންމު ދިރިއުޅުމަށް ރުޖޫއަނުވެއްޖެ ޓެގް އަޅުވައިގެން ކޮންޓްރޯލް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ގޭންގުތަކަށް ނިސްބަތްވާ 200 އެއްހާ ނުރައްކާތެރި މީހުން އުޅޭ ނަމަވެސް މޮނިކޮން އޯޑަރުގެ ބޭނުމަކީ ހުރިހާ ކުއްވެރިންގެ ޓެގުއެޅުވުން ނޫން ކަމަށެވެ. އަދި ޓެގް އަޅުވާ މޮނީޓާ ކުރަމުން އަންނަނީ އެދުވަސްކޮޅަކަށް ޓެގު އަޅުވަން ޖެހޭކަމަށް ފެންނަ މީހުންގެ ގައިގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އުންމީދަކީ ވީހާވެސް މަދުމީހުން ގައިގައި ޓެގު އަޅުވައިގެން ގައުމަށް އަމާންކަން ގެނެއުން ކަމަށެވެ. އެހެން ކަމުން ގޭންގުތައް އޮޕަރޭޓު ކުރާ މީހުންނާއި އެކަމުގައި އިސްކޮށް އުޅޭ މީހުން ކުއްތައް ހުއްޓާލައިފައި ވަޒީފާ ތަކަށް ނިކުތުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އާންމު މުޖުތަމައު ގަބޫލު ކުރާ ގޮތަށް އާމްދަނީ ހޯދައިގެން އަބުރުވެރި ދިރިއުޅެއް އުޅުމަކީ އެފަދަ ފަރާތްތަކަށް ވެސް އަދި މުޖުތަމައަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.
"އެކަން ނުކޮށްފިއްޔާ އަޅުގަނޑު އެމީހުންގެ ފަހަތުން ދާނަން. ޓެގު ކުރާނަން. އަޅުގަނޑަށް ހެޔޮ ކިތަންމެ ބައިވަރު ބައެއްގައި ޓެގު ކުރަން ޖެހުނަސް. އެއްގޮތަކަށް ވެސް އެމީހުނަށް ދުލެއް ނުދޭނަން. އަޅުގަނޑު މިހާރު މި ވަގުތު ދެނީ އެމީހުނަށް އެމީހުން އާންމު ހާލަތައް ރުޖޫއަ ވެގެން އާމުން ދިރި އުޅޭހެން ދިރި އުޅެ އާމުން އާމްދަނީ ހޯދައި ގޮތަށް ހޯދަން. މަސްތުވާ ތި ވިއްކާއި މީހުން ގަޔަށް ވަޅި ހަރާގެނެއް ނޫން އާމްދަނީ ހޯދޭނީ. ތަންތާ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ޖެހެނީ. އެފުރުސަތު ދިނުމަށްޓަކައި އަޅުގަނޑުމެން މަޑުން މިދަނީ. މާދަމާ 200 މޮނިކޮން އެއް ފަހަރާ ވެސް ނެރެވިދާނެ. އެކަމް އެކަން ނުކޮށް މިދެނީ ފުރުސަތު." އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް 16 މީހަކަށް މޮނިކޮން އޯޑަރު ނެރެ ޓެގު އަޅުވާފައިވާނެ ކަމަށާއި އަދި ކުރިޔަށް އޮތްތާ ވެސް އެކި އަމުރު ތައްޔާރު ކުރަމުންދާ ކަމަށެވެ.
މޮނިކޮން އޯޑަރު ނެރޭނީ މުއައްސަސާތަކަށް މަސައްކަތް ނުކުރެވި ފައިލް ވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މެމްބަރަކު ދެކެވި ވާހަކަތަކަށް އިޝާރަތްކޮށް އުމަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމް އިއްވިގެން ދަނީ އެންމެ ނުރައްކާތެރި މީހުންނަކަށް ނޫން ކަމަށެވެ. ކުށުގެ ވެށީގައި މަސައްކަތް ކުރާ ގޭންގު ލީޑަރުންނަށް ކުށް ކުރުމަށްފަހު ގާނޫނުގެ ތެރެއިން ސަލާމަތް ވެވޭނެ ގޮތްތައް އެނގޭ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މޮނިކޮން އޯޑަރަކީ މިފަދަ ހައި ޕްރޮފައިލް ކުށްވެރިން ގާނޫނީ ނިޒާމުގެ ތެރެއަށް ގެނެސް އެކަމަށް ބޯލެބުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ ނިޒާމެކެވެ.