ހަބަރު

އޮލިމްޕަސް ހިންގުން ޕީއެސްއެމްއާ ހަވާލުކޮށްފި

Apr 13, 2016

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިނަމާ ހިންގުން، ދައުލަތުގެ މީޑިއާ އޮޕަރޭޓް ކުރާ ޕީއެސްއެމްއާ ހަވާލު ކުރަން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ، އޮލިމްޕަސް ހިންގާނީ ޕީއެސްއެމް އާއި ނޭޝަނަލް ސެންޓަފޯދި އާޓްސް (އެންސީއޭ) ގުޅިގެން ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ޕީއެސްއެމް އާއި އެންސީއޭއާ ދެމެދު ސޮއިކޮށްފައިވާ ކަމަށް ވެސް ޔޫތް މިނިސްޓްރީ އިން ބުންޏެވެ. އެހެން ކަމުން އޮލިމްޕަސް ހިންގުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްލަން ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އޮލިމްޕަސް ހިންގުން އަމިއްލަ ފަރާތަކަށް ދޭން ސަރުކާރުން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރި އެވެ. އެހެން ނަމަވެސް އެކަށީގެންވާ ހުށަހެޅުމެއް ނުލިބިގެން ބީލަން ބާތިލްކޮށް އެތައް ފަހަރެއްގެ މަތިން ވަނީ އިއުލާންކޮށްފަ އެވެ.

މީގެ ކުރިން އަމިއްލަ ފަރާތަކަށް އޮލިމްޕަސް ދޭން އުޅުނީ ވެސް، އެންސީއޭ ގުޅިގެން ހިންގާ ގޮތަށެވެ. އެގޮތުން އެތަނުގައި ހޮލީވޫޑް އަދި ބޮލީވޫޑް ފިލްމް އަޅުވައިގެން ލިބޭ ފައިދާގެ ވަކި ޕަސެންޓެއް އެންސީއޭއަށް ދޭން ޖެހެ އެވެ. އަދި ދިވެހި ފިލްމްތަކާއި އެހެން ވެސް ގައުމީ ހަރަކާތްތަކަށް އޮލިމްޕަސް އިން ފުރުސަތު ދޭން ވެސް އެއްބަސް ވާންޖެހެ އެވެ. އޮލިމްޕަސް އޭރު ދޭން ނިންމީ ތިން އަހަރު ދުވަހަށެވެ.