ދިރާގު

ދިރާގުން އިމާދުއްދީން ސްކޫލަށް 10،000 ރުފިޔާ ހަދިޔާކޮށްފި

Apr 13, 2016

ދިރާގުން އިމާދުއްދީން ސްކޫލްގެ "ޖުވެލް ސެންޓަރަށް" 10.000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ދިރާގުން ބުނީ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޑީޓިއުން ބޭންޑުން ނެރިފައިވާ ހާއްސަ ލަވަ ދިރާގުގެ ޕޭޖުގައި ޝެއާ ކުރުމާއިއެކު 1000 'ލައިކްސް' ހަމަވުމުން ދިރާގުން ވަނީ 10000 ރުފިޔާ އެ ސެންޓަރަށް ދީފައި ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ބޭންޑާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"މި ކެމްޕޭނަކީ މި މަސްދުވަހުގެ ތެރޭގައި، އޯޓިޒަމްއަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ދިރާގުގެ ސޯޝަލް މީޑިޔާ ޗެނަލް ބޭނުންކޮށްގެން ހިންގުނު ހާއްސަ ހަރަކާތެކެވެ،" ދިރާގުން ބުނެފައިވެ އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވީ އެ ކުންފުންޏަކީ ޒުވާނުން އިސްނަގައިގެން ކުރާ މިފަދަ ކަންކަމުގައި އަބަދު ވެސް ބައިވެރިވެ އެހީވާން ތައްޔާރަށް އޮތް ކުންފުންޏެއް ކަމަށެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އަބަދު ވެސް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާ އެކެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިންނާއި ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގައި ޑީޓިއުން ފަދަ ޒުވާން ފަންނާނުން ތަކަކާއިއެކު ހިންގުނު މި ހަރަކާތުގައި ދިރާގު ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" އިމްޖާދު ވިދާޅުވި އެވެ.

ޑިޓިއުން ބޭންޑްގެ ފަރާތުން ވާހަކަ ދައްކަމުން ބޭންޑްގެ މެމްބަރު ފާތުމަތު ފެޒްލީން (ފެޒޫ) ބުނީ އެ ބޭންޑަށް މިފަދަ ފުރުސަތެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

"ޑީޓިއުން ބޭންޑަށް މި ފުރުސަތު ދެއްވީތީ އިމާދުއްދީންގެ ޖުވެލް ސެންޓަރަށް ވަރަށް ހާއްސަ ޝުކުރެއް މުޅި ބޭންޑްގެ ނަމުގައި އަދާކުރަން ބޭނުން. އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރެއިން، މިފަދަ ކަންކަމަށް އަޅުގަނޑުމެންގެ މި މުޖުތަމައު ހޭލުންތެރި ކުރުވަން. އެގޮތުން މިއީ އަޅުގަނޑުމެންގެ ފުރަތަމަ ސްޓެޕް ކަމަށް ޤަބޫލުކުރަނީ. އަދި މި ލަވައަށް އެހާ ބޮޑު މަޤްބޫލުކަމެއް ލިބިގެން މިދިޔައީ ވަރަށް ގިނަ ބައެއްގެ މަސައްކަތާއެކީގައިކަން ފާހަގަކޮށް، އެ ހުރިހާ ފަރާތް ތަކަށްވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ފެޒޫ ބުންޏެވެ.