ހަބަރު

ހުދުމުހުތާރު ވެރިންނަށް އެއްބާރުލުން ދިނުން ކޮމަންވެލްތުން ހުއްޓާލަންޖެހޭ: ނަޝީދު

ކޮމަންވެލްތުގެ އުސޫލުތަކާ ހިލާފަށް ވެރިކަން ކުރައްވަމުން ގެންދަވާ ވެރިންނަށް އެއްބާރުލުންދީ، އެހީތެރިވުން ކޮމަންވެލްތުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު ވިދާޅުވީ، ހުދުމުހުތާރުވެރިންނަށް ހައިސިއްޔަތު ދީގެން ނުވާނެ ކަމަށެވެ.

ކޮމަންވެލްތު ޖާނަލިސްޓް އެސޯސިއޭޝަން ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ، ކޮމަންވެތަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި އެގޮތުން ސަރުކާރުތަކާ އަބަދު ވާހަކަ ދެއްކުމުގެ ބަދަލުގައި ނޫސްވެރިންނާއި ރައްޔިތުންނާ ވެސް ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

ކޮމަންވެލްތަކީ މެންބަރު ގައުމުތަކުގެ އަމިއްލަ ކްލަބެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި އަދި ވަގުތީ މަސްލަހަތު ރައްކާތެރިކުރާ ތަނަކަށް ކޮމަންވެލްތް ވެގެންނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދުނިޔެ ބަދަލުވަމުންދާއިރު ކޮމަންވެލްތް ވެސް ބަދަލުވާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ކޮމަންވެލްތަށް ހިއުމަން ރައިޓްސް ކައުންސިލަކާއި ހިއުމަން ރައިޓްސް ކޮމިޝަނަރަކު ބޭނުންވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ހިއުމަން ރައިޓްސް ކައުންސިލެއް ހުރުމަކީ ރަނގަޅު މޮޑެލެއް ކަމަށާއި އދގެ އެ މޮޑެލް ވަރަށް ކާމިޔާބު ކަމަށެވެ. އެހެންކަމުން އދގެ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހަކީ ކޮމަންވެލްތައް ނަކަލު ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އދ ފަދައިން އެފަދަ ކައުންސިލެއް ކޮމަންވެލުން އެކުލަވާލައިފިނަމަ އެ ޖަމިއްޔާއަށް 21 ގަރުނުގައި ޖާގަ އޮންނާނެ ކަމަށާއި އެހެން ނޫންނަމަ ކޮމަންވެލްތް ވަރަށް ބޮޑަށް އެކަހެރިވެގެންދާނެ ކަމަށެވެ.