ވާހަކަ

ކުރު ވާހަކަ: ޕްލެސާ

މުފީދު ބެންކޮކަށް ކުރި ދަތުރުވެގެން ދިޔައީ އޭނާގެ ހަޔާތުގެ ވެސް އެންމެ ފަހު ދަތުރަށެވެ. ބެންކޮކަށް ފުރައިގެން ދިޔައީ އެންމެނަށް ހަދިޔާ ގެނެސްދޭނެ ކަމަށް ބުނެ އެވެ. އެންމެފަހުން މާލެ ގެނައީ އޭނާގެ ގަބުރެވެ. 

"ބައްޕަގެ މި ހަދިޔާ އަޅުގަނޑު ބޭނުމެއް ނޫނެވެ."

މޯޗަރީގައި ބާއްވާފައި އޮތް މުފީދުގެ ހަށިގަނޑާ ހަވާލުވާން އިސްދޫއިން ފުރައިގެން މާލެ ދިޔަ އޭނާގެ އެންމެ ހަގު ފިރިހެން ދަރި، ސިދުކީ، ހިތާހިތާ ކިޔާލީ މިހެންނެވެ.

މުފީދުގެ ހަށިގަނޑު އޭނާއާ ހަވާލުކުރީ ފުލުހުންނާއި ރަސްމީ އެހެން ބެޖުތައް ވެސް ޖެހި މީހުންގެ ހާޒިރުގަ އެވެ. އެމީހުންގެ ފަރާތުން އެނގުނު ގޮތުން ސިދުކީގެ ބައްޕަ މަރުވީ ހިތްހުއްޓިގެންނެވެ.

ހަށިގަނޑު ދައްކާލިއިރު "ކިޑުނީ ބަދަލުކުރި" ލަކުނު ފިޔަވައި އިތުރު އެހެން ލަކުނެއް ވެސް އެ ހަށިގަނޑަކު ނެތެވެ. ދެ ކިޑުނީ ފެއިލްވެގެން ސިދުކީގެ އެއް ކިޑުނީ މުފީދުގެ ހަށިގަނޑަށް ލެއްވިތާ އަހަރު ނުވަނީސް އޭނާ މި ޢާލަމުން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރީ އެވެ.

"ތިޔަ ކިޑުނީ އަނބުރާ ދޭށެވެ."

ބަސްހުއްޓި، މޯޗަރީގެ ފިނީގައި، ބައްޕަގެ ފުރާނައެއް ނެތް މަސްގަނޑަށް ކަޅިޖަހާނުލައި ބަލަހައްޓައިގެން ހުރި ސިދުކީ އަނެއްކާވެސް ހިތާހިތާ ކިޔާލި އެވެ.

އޭނާގެ އަތުގައި ހުރީ ބައްޕަގެ މެޑިކަލް ރިޕޯޓްތަކެވެ. ބައްޕަގެ މަރަކީ "ހިތްހުއްޓުމެއް" ކަމަށް ލިޔެފައިވާ އެ ރިޕޯޓްތަކުގައި އެހެން ވާހަކަތަކެއް ވެސް ހުއްޓެވެ. އެ ވާހަކަ ވެސް ގަބޫލުކޮށް، ބައްޕަގެ ގަބުރަށް ފުސް މޫނެއް ދައްކައިގެން ސިދުކީ އެ ހުރީ އޭނާ އަށް ވެސް އެ ބައްޕަގެ ގޮތް އެނގޭތީ އެވެ.

އިސްދޫގެ އެންމެނަށް ވެސް މުފީދުގެ ގޮތް އެނގެ އެވެ. މި ބެންކޮކް ދަތުރެއްގެ ކުރިން ރަށުގެ އެކުވެރިޔަކު، މިއީ ކޮން ދަތުރެއް ހެއްޔޭ ސުވާލުކޮށްލުމުން ވެސް ދިން ޖަވާބަކީ "ޕްލެސާ" އެވެ.

މުފީދަކަށް ބޮޑު ޝީނެއް ނުކިޔެ އެވެ. އެހެންވީމަ އޭނާ އަށް، "ޕްލެޝާ" އަކީ "ޕްލެސާ" އެވެ. ސިދުކީ އަކީ "ޝިދުކީ" އެވެ.

"ބައްލަވާ ބައްޕާ، އަޅުގަނޑު މަންމައާ ސުވާލުކުރީމަ މަންމަ ބުނުއްވީ އަޅުގަނޑުގެ ނަމަކީ ޝިދުކީއެއް ނޫނޭ. ސިދުކީ ޔޯ،" މިއީ ބައްޕަގެ ގޮތް ނޭނގޭ ކުޑަކުއްޖެގެ ގޮތުގައި އުޅުނުއިރު ސިދުކީ އޭނާގެ ބައްޕަ އަށް އަބަދުވެސް ހަނދާންކޮށްލަ ދިން ވާހަކަ އެވެ.

ފަހުން ބައްޕަގެ ގޮތް އެނގުނީމަ އަޅައެއް ނުލަ އެވެ. ގަންނަން ފެށީ ލަދެވެ. އެ ބައްޕަ އަށް ބޮޑު ޝީނު ނުކިޔޭތީކީއެއް ނޫނެވެ. އެ ބައްޕަގެ "ޕްލެސާ" އަކާ ހެދިގެންނެވެ.

ގަންނާކުރައްވާ ލަދުން، ބައެއް ދުވަސްވަރު ސިދުކީ ގެއިން ބޭރަށް ނުނިކުމެ ވެސް އެތައް ދުވަހެއް ހޭދަކޮށްފައި އެބަހުއްޓެވެ. މަގުމަތިން ފެނުނީމަ، "މުފީދުގެ ކުޑަ ސީނޭ" ކިޔާފައި ދެން ތިބޭ ކުދިން ދިމާކުރާވަރުންނެވެ.

ނަމަވެސް މުފީދު ދެކެ އޭނާގެ ދަރިންގެ ތެރެއިން އެންމެ ބޮޑަށް ލޯބިވީ އަދި އެ ބައްޕަ އަށް އެންމެ ބޮޑަށް އަޅާލީ ކުއްޖަކީ ވެސް މި ސިދުކީ އެވެ. ބައްޕަގެ އުޅުމާއި އަހުލާގު ހުންނަ ގޮތް ބަދަލުކުރުމަށް ވެސް އޭނާ މަސައްކަތްކުރި އެވެ.

ނަމަވެސް "އެކަމަކާ ކަލެޔަކާ ކީއްހެއްޔޭ" ކިޔާފައި ކަންކަށި މަތީގައި ބައްޕަ އެތިފަހަރެއް އަޅުވައިލި ހިސާބަކުން ބައްޕަގެ "ޕްލެސާ" ގެ ވާހަކައެއް ސިދުކީގެ ދުލަކަށް ނުގެނެ އެވެ. ކުރިއަށް ނެރުނީ ލޯތްބާއި އަޅާލުމެވެ. އެކަކު ވެސް ބައްޕަ ދެކެ ލޯބިނުވާކަން އޭނާ އަށް އެނގުނު ހިސާބުން ފެށިގެންނެވެ.

މުދީފުގެ ދަރިންގެ ގޮތުގައި، ސިދުކީގެ ދޮށްޓަށް އިތުރު ހަތަރު ފިރިހެން ދަރިންނާއި އަންހެން ދެ ދަރިން ލިބިފައިވިޔަސް ބައްޕަގެ ގަބުރާ ހަވާލުވާން ވެސް ސިދުކީ މާލެ ދާން ޖެހުނީ މި ސަބަބާ ހެދި އެވެ. އަނެއްކޮޅުން ސިދުކީގެ އަމާ އަކީ މީހަކާ އަނގައިން ބުނާ އަންހެނެއް ނޫނެވެ.

ބައްޕަ ނިޔާވެއްޖެއޭ ބުނީމަ ސިދުކީއާ ހަތަރު ކަޅި ހަމަކޮށްލި އެކަކު ވެސް ނެތެވެ. ފަހަރެއްގައި އެމީހުންނަށް ލިބުނު އުފާވެރިކަން މާ ބޮޑީ އެވެ.

އަނެއްކޮޅުން ރަށު ތެރެއަށް އެ ޚަބަރު ގޮސްގެން ވެސް އުފަންވީ ސަމާސާ ވާހަކަ އެވެ. އެންމެން ވެސް ބުނީ "އެއްކަލަ މުފީދު އެންމެފަހުން ބެންކޮކަށް ގޮސް ޕްލެސާ ހޯދައިގެން މަރުވީ" ކަމަށެވެ.

މި މަލާމާތާއި ފުރައްސާރައިގެ ތެރެއިން އިސް ދަށަށް ޖަހައިގެން ގޮސް، އެންމެ އަވަހަށް މާލެފުރާ ދޯންޏަކަށް އަރައިގެން ސިދުކީ މާލެ ދިޔައީ އެވެ.

އެންމެފަހުން ބައްޕަގެ ހަށިގަނޑު އާސަހަރާގައި ވަޅުލުމަށް ފަހު އެ ދަތުރު ވެސް ނިމުމަކަށް އައީ އެވެ. ހަދިޔާއެއް ނުލިބި އެވެ. ކިޑުނީއެއް ވެސް އަނބުރައެއް ނުލިބުނެވެ. އަދި ކިޑުނީއާ އެކު ލޯތްބާއި އަޅާލުން ހަދިޔާކޮށްގެން ހޯދަން ބޭނުންވި ބައްޕައެއް ވެސް ސިދުކީ އަކަށް އަނބުރައެއް ނުލިބުނެވެ.

ކުށްވެރިޔަކީ "ޕްލެސާ" އެވެ. ކުށްވެރިޔަކީ މުފީދެވެ. އެންމެފަހު ވަގުތާ ހަމަ އަށް ވެސް އޭނާ ހޯދި އަރާމަކީ ހިލޭ އަންހެނެއްގެ އުފާވެރިކަމެވެ. އަޑުއަރާފައިވާ ގޮތުން މުދީފުގެ ހިތްހުއްޓުނީ "ޕްލެސާ" މީޓަރުގެ ކަށި ރަތް ރޮނގުބުރި ފަހަނަޅައި ގޮސްގެން ދިޔަ ވަގުތު ލިބުނު އުފާވެރިކަމެއްގެ ތެރެއިންނެވެ.

މުފީދަށް 60 އަހަރެވެ.

"ތިޔަ އުމުރުގައި ތިޔަ އުޅުން ދެން ދޫކޮށްލާކަށް ނުވޭ ހެއްޔޭ" މީހަކު ސުވާލުކުރުމުން ވެސް މުފީދު ދިން ޖަވާބަކީ "ޕްލެސާ" އެވެ. ތެދެކެވެ. މުފީދަކީ އަބަދުވެސް އޭނާގެ އަމިއްލަ އަރާމު ދިރިއުޅުމަށް މަރުދިން މީހެކެވެ.

ފުރާވަރުގެ ދުވަސްތަކުން ފެށިގެން އުމުރުން ބައްތިރީސް އަހަރު ވަންދެން އޭނާ އުޅުނީ ބޯޓް ދަތުރުކުރާ މީހެއްގެ ގޮތުގަ އެވެ. ކޮންމެ އަހަރަކު އެއް ފަހަރު ޗުއްޓީ އަށް ރަށަށް ގޮސް، ވިހައިގެން ގަދަވެފައި ހުންނަ އަނބިމީހާ ބަނޑުބޮޑުކޮށްލާފައި ފުރައިގެން ދަނީ އެވެ.

އެންމެފަހުން ރަށަށް އައިސް އުޅުނީ ގޭގެ ކަންމަތީގައި ކުޑަ ފިހާރަގަނޑެއް ހުޅުވައިގެންނެވެ. އެ ފިހާރާގައި ސޭޓަކަށް ބަހައްޓައިގެން އުޅުނު ޒުވާން އަންހެން ކުއްޖާއާ ކައިވެނިވެސް ކުރި އެވެ. އެއީ ދެ ވަނަ އަންބެވެ.

އެންމެފަހުން އޭނާއާ މެދު ހިތްހަމަނުޖެހިގެން ވަރިކޮށް ގެއިން ނެރެލީ ފިހާރައިން ވައްކަންކުރާ ކަމުގެ ތުހުމަތު އެ އަންހެން މީހާގެ ބޮލުގައި އެޅުވުމަށް ފަހު އިތުރަށް ނިކަމެތިކޮށްލައިގެންނެވެ.

އޭގެ ފަހުން ވެސް އޭނާ ރަށުގެ އެހެން އަންހެނަކާއި އަތޮޅުގެ އެހެން ރަށްތަކުން ޒުވާން އަންހެން ކުދިންނާ ވެސް އިނެވެ. ވިޔަފާރި ރަނގަޅުވެ ދެ ތިން ފިހާރައިގެ ވެރިޔަކަށް ބަދަލުވުމުން މުފީދުގެ އުނގަށް ވެއްޓޭ އަންހެން ކުދިން ވެސް ގިނަވީ އެވެ. އަދި ދޮން ރީތި އަންހެން ކުދިންގެ ފަރާތުން އުފާ ލިބެން ފެށުމުން އަމިއްލަ އަނބިމީހާ މަތިން ވެސް ފޫހިވީ އެވެ.

ނަމަވެސް ސިދުކީ އާއި ދެން ތިބި ހަ ކުދިން ވެސް ހޯދައިދިން ޝަފީގާ ދޫކޮށްލުމުގެ ހިޔާލެއް މުފީދު އެއްވެސް އިރަކު ނުގެންގުޅެ އެވެ. އެއް އުނގުން އަނެއް އުނގަށް ފުންމަމުން ދިޔަޔަސް އަދި ދޭތެރެދޭތެރެއިން ޒުވާން އަންހެން ކުދިންނާ އިނދެވަރިކުރުމުގެ ޑްރާމާއެއް ކުޅުނަސް ދުވަހަކު ވެސް ވަރިނުކުރަނީ ޝަފީގާ އެވެ. އެއީ މުފީދުގެ "ލޯބިވާ ސަފީގާ" އެވެ.

ކޮންމެއަކަސް މުފީދުގެ ފަޅު ޖަނާޒާ އެކަކިމާއެކަނި ނިންމާލުމަށް ފަހު ސިދުކީ އެނބުރި ރަށަށް ދިޔައިރު އޭނާގެ ބޭބެމެންނާއި ދައްތަމެން ތިބީ ބައްޕަގެ ހުރިހާ މުދަލަކަށް ވެރިވެގަނެގެންނެވެ. މުފީދުގެ ދިރިއުޅުމުގައި އެމީހުންނަށް ވެރިކޮށްނުލެވުނު ދިރިއުޅުން ވެރިކޮށްލައިގެންނެވެ.

ތިން ފިހާރަ އެންމެ ދޮށްޓަށް ތިބި ތިން ބެއިންނަށެވެ. ދެން ހުރި ބޭބެއަށް ބައްޕަގެ ސައިކަލާއި ބޮއްކުރައެކެވެ. ދެ ދައްތައިންނަށް މިރުސް ދަނޑާއި ކަރާ ދަނޑެވެ.

މުފީދުގެ މި ދަރިންގެ އަތު ނުޖެހުނު އެއްޗަކީ އޭނާ ރައްކާކޮށްފައިވާ ފައިސާއެވެ. ބުނެވޭ ގޮތުގައި މުފީދަކީ ބޮޑު ފައިސާވެރިއެކެވެ. ބޯޓް ދަތުރުކުރަން އުޅެފައި އެނބުރި އައިއިރު ވެސް އޭނާ އައީ އުޅުނު ބޯޓުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިގެންނެވެ. ފުރަތަމަ ފިހާރަ ވެސް ހުޅުވީ ވަގު ލާރިގަނޑަކުން ކަމަށް މީހުން ބުނެ އެވެ.

އަނެއްކޮޅުން ލޯބިވެރިންނާއި ވަގުތީ އަނބިންގެ ގޮތުގައި މުފީދު ގެންގުޅުނު އަންހެން ކުދިންނަށް ކުރި ޚަރަދުތަކާއި ދިން އަގުބޮޑެތި ހަދިޔާތައް ވެސް ރަށު އެންމެނަށް އެނގެ އެވެ. އެހެންވީމަ، ދޮގު ހަދާ މީހަކު ބުނާނީ މިހެންނެވެ. ރަށުގެ އެންމެން ވެސް ތިބީ މުފީދު މަރުނުވެގެންނެވެ. އޭނާގެ މުއްސަނދިކަމަށް އަރައިގަތުމަށް ދަހިވެތިވެފަ އެވެ.

ކޮންމެއަކަސް މުފީދާ އެކު އޭނާގެ ފައިސާތައް ވެސް މީހުންނަށް ނޭނގޭ ތަނެއްގައި ވަޅުލެވި ފޮރުވިގެން ދިޔައީ އެވެ. ދެ ތިން މަސް ފަހުން މުފީދުގެ ސަފުހާތައް މަތިން މުޅި ރަށް ވެސް ހަނދާން ނައްތާލީ އެވެ.

ނަމަވެސް އެ ބައްޕަގެ ހަނދާންތަކުން ސަލާމަތްނުވެވުނީ ޒުވާން ސިދުކީ އަށެވެ. އާއިލާގެ އެހެން މެމްބަރުން އޭނާގެ އުނގަށް އެމީހުންގެ މުސްކުޅި އަމާ އެއްލާލާފައި ނުކުމެގެން ދިޔައީ އެވެ. ބައެއް މީހުން މާލެ ބަދަލުވީ އެވެ.

މި ހިތްދަތިކަމުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ދަންޖެހިގެން މަރުވުން ކަމަށް ނިންމައި އެންމެފަހުން ސިދުކީ އޭނާގެ ކަރަށް ދަންމަޅި ވެސް ބާރުކޮށްފި އެވެ.

ކޮޓަރި އަށް ވަދެ ސީލިންގު ފަންކާގައި ބެޓްޝީޓް އައްސައިގެން ހެދި ދަންމަޅިއަށް ފުންމާލިތަނުން ތުރުތުރުއަޅަމުން އޭނާގެ ހަށިގަނޑު މަރަށް ތެޅިގަތެވެ. ފުސްކަމަކާއި އަނދިރިކަމެއްގެ ތެރެއަށް އޭނާ ދަތުރުކުރަމުން ދިޔަ ކަހަލަ އެވެ. ނަމަވެސް އޭގެ ކުރިން، ދަންމަޅި އައްސާފައި ހުރި ސީލިންގު ފަންކާ އަށް ސިދުކީގެ އައްޑިހައެއްހާ ކިލޯ ނުހިފެހެއްޓިގެން ގޮސް އެ ސޮރުގެ ބޮލަށް ފަންކާ އާއި ސީލިންގުން ބައެއް ވެއްޓުނީ އެވެ.

ސިދުކީގެ ދެ ފައި އަލުން ހަމަ ބިމުގައި ޖެހި ދެ ލޯ ހުޅުވުނުއިރު ބޮލަށް ވެއްޓުނީ ހަމައެކަނި ސީލިންގެއް ނޫނެވެ. އޭނާގެ ބައްޕަ މިއޮތްހާ ދުވަހު ގޯނި ގޯންޏަށް އަޅައިގެން އެއްކޮށް ފޮރުވާފައިހުރި ފައިސާތައް ވެސް ލޮލަށް ފެނުނީ އެވެ.

"އަހަރެން މަރުވީ ހެއްޔެވެ؟ ވާރޭގެ ގޮތުގައި މި ދުނިޔެ އަށް ވެހެނީ ފައިސާ ހެއްޔެވެ؟."

ސިދުކީ އަށް ހިތާހިތުން ކިޔާލެވުނީ މިފަހަރު މިހެންނެވެ. (ނިމުނީ)