އާދަމް ޝަރީފު އުމަރު

ހަނގުރާމައަށް ދާ ދިވެހިން ރާއްޖެ ގެނެސް ކައުންސިލިން ދޭނަން: ޑިފެންސް މިނިސްޓަރު

  • ހަނގުރާމަތަކަށް ދިވެހިން ގެންދަނީ ބޭރު ބަޔަކު ފަންޑުކޮށްގެން
  • މިވަގުތު ރާއްޖެއަށް ބަޔަކު ހަމަލާއެއް ދޭކަށް ނޫޅެ
  • ހަނގުރާމައަށް މީހުން ދަނީ ހޭލުންތެރި ނޫންވީމަ

ބޭރުގެ އެކި ގައުމުތަކުގައި ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ދިވެހި ބައިވެރިކުރުވަމުން އަންނަ ކަމަށާއި އެކަން ކުރަނީ ބޭރުގެ ބަޔަކު ފަންޑްކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ. އަދި އެފަދަ ފަރާތްތައް ރާއްޖެ ގެނެސް، ކައުންސިލިން ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ބެހޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވުމަށް މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގަން މަގުފަހިވާ ފަދަ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތެއްވެސް އަދި މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް ދީނީ ގޮތުން ވަކި ހިޔާލުތަކެއް ގެންގުޅޭ މީހުން ބޭރުގެ ބައެއް ގައުމުތަކަށް ގޮސް ޓެރަރިޒަމަށް މަގުފަހިވާ ކަހަލަ އަމަލުތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބޭރުގެ ގައުމުތަކަށް ގޮސް ޓެރަރިޒަމްގެ އަމަލްތަކަށް މަގުފަހިވާކަހަލަ ކަންތައްތައް ދިވެހިންގެ ތެރޭގައި ކުރަނީ އެކަށީގެންވާ ވަރަށް ހޭލުންތެރިނުވާތީ ކަމަށެވެ. އެފަދަ ފަރާތްތައް ރާއްޖެ ގެނެސް ކައުންސިލިންދީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޖިހާދުގެ ނަމުގައި ބޭރުގެ ގައުމުތަކަށް ދާ ފަރާތްތައް އެނބުރި އަންނަން ބޭނުންވިޔަސް ގިނަ ފަހަރަށް އެކަން ވަރަށް އުނދަގޫ ކަމަކަށްވެ ނާދެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމީހުންނާ މުއާމަލާތް ކުރަން ދަތިތަކެއް ކުރިމަތިވާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ދާ ފަރާތްތަކަށް ފަންޑު ކުރަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި ދިވެހިން މިފަދަ ކަމަކަށް ފަންޑުކުރާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށެވެ. މިވަގުތު ރާއްޖެއަށް ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިިބިފައި ނެތް ކަމަށާއި އެފަދަ އަމަލެއް ދިވެހިންގެ ތެރެއިންވެސް އަދި ބޭރުގެ ފަރާތްތަކުންވެސް ހިންގަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންޓަޓެރަރިޒަމް ޔުނިޓްގައި ހަތަރު ޑިޕާޓްމަންޓެއް ގާއިމްކޮށްފައިވާ ކަމަށާއި މި ކައުންޓާ ޓެރަރިޒަމް ސެންޓަރުން ދުނިޔޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ލިބިދާނެ ގެއްލުންތަކުން ދުރާލާ ތައްޔާރުވެ ރައްކާތެރިވާނެ ގޮތްތައް ދެނެގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރުގެ އެކި ގައުމުތަކުގެ ފަރާތުން އެހީތެރިކަން ހޯދުމާއި މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްތައް އެ ޔުނިޓުން ކުރާނެ އެވެ. ސެންޓަރުގެ މަގުސަދާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، މި ސެންޓަރުގެ ބޭނުމަކީ ރާއްޖެއަކީ ޓެރަރިޒަމާއި ދެކޮަޅަށް އިސްނަގައިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. އަދި ކުރިއަށް އޮތްތަުގައި ވެސް ނުރައްކާތެރި އުދުވާނީ ހަމަލާތަކުން ދުރާލާ ރައްކާތެރިވުމާއި، މިފަދަ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ފަރާތްތަކާއި ގުޅިގެން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމަކީ މައިގަނޑު މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިސެންޓަރުން މަސައްކަތް ކުރާނީ ރާއްޖޭގެ ސަލާމަތީ ބާރުތައް ކަމަށްވާ އެމްއެންޑީއެފާއި، ޕޮލިސް އަދި ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ، އިމިގްރޭޝަން ފަދަ މުއައްސަސާތަކާއި ގުޅިގެންނެވެ.

"މިސެންޓަރަކީ ސަލާމަތާ ބާރުތަކާއި ބައިނަލް އަގްވާމީ ދުނިޔޭގައި މިހާރުވެސް ގާއިމްކުރެވިފައިހުރި ސަލާމަތީ ބާރުތަކާއެކު ބައިނަލް އަގްވާމީ ދުނިޔޭގައިވެސް ފިޔުޝަން ސެންޓަރެއްގެ ގޮތުގައި. ރާއްޖޭގައިވެސް ބޭރުގެ ދުނިޔޭގައިވެސް ޓެރަރިޒަމާއި ބެހޭގޮތުން މުއާމަލާތް ކުރެވޭ ހުރިހާ ހާލަތެއްގައި މައިގަނޑު ސެންޓަރެއްގެ ގޮތުގައި" މިނިސްޓަރު ވިދާޅުވި އެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ޓެރަރިޒަމް މަނާ ކުރާ ޤާނޫނުގެ ދަށުން ހައްޔަރު ކޮށްފައިވާ ބައެއް ފަރާތްތައް ސިޔާސީ ކުށްވެރިންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ކުށްވެރިންގެ ގޮތުގައި ބެލެވޭނީ ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ބޭރުން ހައްޔަރު ކުރެވޭ ފަރާތްތައް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އެސެންޓަރުގައި މައިގަނޑު ދެ މަސައްކަތެއް ހިނގަމުންދާ ކަމަށާއި އެއީ ޓެރަރިޒަމްގެ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވެދާނެ ނުވަތަ ކުރިމަތިވާން މެދުވެރިވެދާނެ ކަމެއް ނުވަތަ އެފަދަ ކަމަކާއި ގުޅޭ މައުލޫމާތު ލިބިއްޖެނަމަ އަމަލުކުރާނެ ގޮތާއި އެކަމުގައި ހަރަކާތެރިވާ ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތު ދިނުމެވެ. އަދި އެކަންކަމާއި ގުޅިގެން ގައުމީ ސަލާމަތާއި ބެހޭ މަޖިލީހަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހުށަހެޅުމާއި ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައިގަނޑު އަނެއް މަސައްކަތަކީ ތަފާތު ފިކުރުތަކުގެ އަދި އެކި ގޮތްގޮތުން ހިޔާލު ތަފާތުވާ ފިކުރުތަކުގެ ތެރެއިން އާންމު ވިސްނުންތަކާއި ތަފާތުވެ ހިޔާލު ތަފާތުވުމުގެ ތެރެއިން ގާނޫނޫ އަސާސީ އާއި ރާއްޖޭގައި އޮންނަ އާންމު އުސޫލާ ހިލާފަށް އާންމުގެ މެދުގައި ފިތުނަ ފަސާދަ އުފެދި އަދި މީހުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ފަދަ އަމަލްތައް ހިންގުމަށް މަގުފަހިވާ ކަހަލަ ގޮތްގޮތަށް މީހުންގެ ފިކުރު ބަދަލުކުރުމަށް ނުވަތަ މީހުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދާ ، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގޮތައް އަމަލުތައް ބަހައްޓާ މީހުންގެ ފިކުރުތަކަށް ބިނާކޮށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރަންޖެހޭ ގޮތްތައް ދެނެގަނެ ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑައިރެކްޓާ ޖެނެރަލް އޮފް ކައުންޓާ ޓެރަރިޒަމް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި ސެންޓަރަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ބާރެއް ލިބިފައިވާ ކަމަށާއި އެ ސެންޓަރުގެ މަސައްކަތްތަކަށް ދެ ކޮމެޓީއެއްވެސް މިހާރު އުފައްދާފައިވާ ކަމަށެވެ.