ރިޕޯޓް

އަނިޔާވެރިވާ މީހާއަށް ވެސް އޯގާތެރިވާށެވެ!

Feb 2, 2015
3

ވ. ރަކީދޫގައި ކުޑަކުއްޖަކު މަރާލި ވާހަކަ އަޅުގަނޑަށް އަޑު އިވުމާއެކު، ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ހަމަ ތެދެކެވެ. އެކުއްޖާ އޮތީ މަރުވެފައެވެ. އެކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. ކުށެއް ކުރުމުގެ ފުރުޞަތެއްވެސް އެކުއްޖާއަކަށް ނުލިބެއެވެ.

ދެން އޮތީ އެކުއްޖާ މަރާލި މީހެއް ހޯދައި، އިންޞާފުގެ ކުރިމައްޗަށް ހާޒިރުކުރުމެވެ. އެތުއްތު ކުއްޖާ މަރާލިކަމަށް ތުހުމަތު ކުރެވިގެން އެކުއްޖާގެ މަންމަ މިހާރު އެހެރީ ހައްޔަރުގައެވެ. އަޅުގަނޑުވެސް އެއްބަހެވެ. އެތުއްތު ކުއްޖާ މަރާލީ ހަމަ ޙަޤީޤަތުގައިވެސް އެކުއްޖާގެ މަންމަނަމަ، އެމަންމައަށް، ޝަރީޢަތުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އަދަބު ވާނީ ދޭށެވެ. މަރުވި ކުއްޖާގެ މަންމަ މަރަންވީ ކަމަށްބުނެ އަޑުއުފުލާ މީހުންވެސް މަދެއް ނޫނެވެ. އިސްލާމް ދީނުގެ ނަމުގަ ޔޯލައެވެ.

އިސްލާމް ދީނަކީ ވަށާޖެހޭ ދީނެކެވެ. ފުރިހަމަ ދީނެކެވެ. ކޮންމެ ކަމެއްގައިވެސް އިންޞާފާއި ހަމަ، އިސްކުރާ ދީނެވެ. މަޑުމައިތިރިކަމާއި އޯގާތެރި ކަމުގެ ދީނެވެ. ވިސްނާ ފިކުރުކުރާ މީހުންގެ ދީނެކެވެ. ހުރިހާ ޒަމާނަކަށް ފެތޭ ދީނެކެވެ. އެދީނުގެ މަޤްޞަދުތަކާއި، އެމަޤުޞަދުތައް ޙާޞިލުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކޮށްފައިވާ ދީނެކެވެ. މިފަދަ ދީނެއްގައި، އެއްވެސް ބެލުމެއް ނެތި މަރުގެ އަދަބު ދިނުން ހުއްދަކުރެވޭނެ ކަމަށް ބެލުމަކީ، އެދީނުގެ ފަލްސަފާއާ ފުށުއަރާނެ ކަމެކެވެ.

އިސްލާމްދީނުގެ ޢަދުލް އިންޞާފަކީ ދިގު ވާހަކައެކެވެ. އެވާހަކައިގެ ތަންތަންކޮޅު ކުރިއަށް އޮތް ލިޔުންތަކުގައި ގެނެވޭތޯ ބަލާނަމެވެ. ޢަދުލް އިންޞާފާބެހޭ ގޮތުން އައިސްފައިވާ ކޮންމެ އާޔަތަކާއި ހަދީޘަކީ އޭގެ ޒާތުގައި ޢިލްމުގެ ޚަޒާނާއެކެވެ. ވިސްނާ ފިކުރުކުރާ މީހުންނަށް ތެޔޮވަޅެކެވެ. އެހެންވީމާ، އެންމެ ލިޔުމެއްގައި އެހުރިހާ ވާހަކަތަކަށް ޖުމްލަކޮށް އަލިއަޅުވާލުމަކީ އިންޞާފުވެރި ގޮތަކަށް ނުވާނެއެވެ.

ރަސޫލުﷲ (ޞ) ޙަދީޘް ކުރައްވާފައިވަނީ، ތިބާގެ އަޚާ، ޡާލިމެއްގެ ގޮތުގައި ހުންނައިރުއާއި މަޡްލޫމެއްގެ ގޮތުގައި ހުންނައިރުވެސް ނަޞްރު ދޭށޭއެވެ. މަޡްލޫމެއްގެ (އަނިޔާލިބޭ މީހެއްގެ) ގޮތުގައި ހުންނަ މީހާއަށް ނަޞްރު ދިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެމީހަކަށް ރައްކާތެރިކަން ދޭންވީއެވެ. ނަމަވެސް، މިހާރު އުފެދޭ ސުވާލަކީ، ޡާލިމުންނަށް (އަނިޔާވެރިވާ މީހާއަށް) ނަޞްރުދޭނީ ކިހިނެއް ހެއްޔެވެ؟ ރަސޫލާ (ޞ) ގެ ޙަދީޘްފުޅުގައި ހަމަނުޖެހޭ ވާހަކައެއް ނޯންނާނެއެވެ. އެއީ، މާތްﷲ ބާވާލައްވާ ވަޙީއަކަށްވާތީއެވެ. ވީމާ، ރަސޫލާ އެއިޝާރާތްކުރައްވަނީ އާދައިގެ ވާހަކައަކަށް ނޫންކަމަށް ބަލަންޖެހެއެވެ. މިޒަމާނުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މިޙަދީޘަށް ޢަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. އަނިޔާލިބޭ މީހުންނަށް ނަޞްރު ދިނުމަކީ، އެމީހުންނާމެދު ޝަރީޢަތް ހިންގުމުގައި ޢަދުލުވެރި ވުމެވެ. އެމީހުންގެ މައްޗަށް ޤާނޫނު ހިންގުމުގައި އިންޞާފުވެރި ވުމެވެ. އިނގިރޭސި ބަހުން ބުނާނަމަ، ޑިއު ޕްރޮސެސް ރައިޓްސް ފުރިހަމައަށް ހިންގުމެވެ. ތެދުވެރިކަމާއެކު، ތަޢައްޞުބުން އެއްކިބާވެގެން ތިބެއެވެ. މީހެއްގެ ނުވަތަ ބައެއްގެ މަތިވެރިކަމާއި މާތްކަން އެނގެނީ، އެމީހަކާމެދު އަނިޔާވެރިވާ މީހާއާމެދު ޢަމަލުކުރާ އިންޞާފުވެރި ގޮތުންނެވެ. އިސްލާމްދީން ކުރިއަރައިގެން ގޮސްފައިވަނީ، މިދެންނެވި ފަލްސަފާއާ އެއްގޮތަށް ޢަމަލުކޮށްފައިވާތީއެވެ.

މިދެންނެވި ޙަދީޘް، މިހާރު ހިނގައިގެން މިއުޅޭ މައްސަލައިގެ މައްޗަށް ހިންގަމާތޯއެވެ. އިސްލާމްދީން އަމުރު ކުރައްވަނީ، އަނިޔާލިބޭ މީހާއަށާއި އަނިޔާވެރި ވާމީހާއަށް ނަޞްރު ދިނުމަށެވެ. އިސްލާމްދީނުގައި އިރުޝާދު ދެއްވަނީ، އަޅުގަނޑުމެންގެ ޝުޢޫރުތަކަށް ކިތަންމެ ބޮޑު ގެއްލުމެއް ދިން މީހަކަށްވީ ނަމަވެސް، އިންޞާފުވެރި ގޮތަކަށް މެނުވީ އަޅުގަނޑުމެން އޭނާއާމެދު ޢަމަލު ނުކުރާށެވެ. އަދި ކިއެއްތަ، އަޅުގަނޑުމެންގެ އިންޞާފުވެރިކަން ފުރިހަމައަށް ދައްކުވައިދޭންވީއެވެ.

އޭގެ މާނައަކީ، އެއަންހެން މީހާގެ ވާހަކަވެސް އަޑުއަހަންވީއެވެ. އޭނާގެ ޙާލަތުވެސް ވަޒަން ކުރަންވީއެވެ. އޭނާ ކޯޓަށް ހާޒިރުކުރާއިރު، ވަށައިގެން ވީޑިއޯކޮށް، އޭނާއަށް ފުރައްސާރަ ކުރުން ހުއްޓާލަންވީއެވެ. އޭނާގެ ޙާލަތެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ވީމާ، އޭނާގެ ވާހަކަ އަޑުއެހުމަކާނުލައި، އޭނާއާމެދު ގޮތެއް ނުނިންމަންވީއެވެ. ޢަދުލް އިންޞާފު ނިޔާކުރަނީ އެގޮތެވެ. ރަސޫލާގެ ޙަދީޘްގައި އޮތް ޡާލިމަށް ނަޞްރު ދިނުމަކީ މިއީ ނޫންތޯއެވެ. މިހާތަނަށް ލިބިފައިވާ މަޢްލޫމާތުތަކަށް ބަލާއިރުވެސް، އެއަންހެން މީހާގެ ތިން ކުދިންގެ ތެރެއިން މަރުވި ކުއްޖާ ފިޔަވައި، އެހެން ކުއްޖަކަށް އަނިޔާވެރި ވީ ކަމުގެ މަޢްލޫމާތެއް ތިލަވެފައި ނެތުމުން، މިކަމުގައި އެހެން ޙަޤީޤަތްތަކެއް އުޅެދާނެކަމަށް ޤަބޫލު ނުކުރެވޭތޯއެވެ. އޭނާއަކީވެސް މުސްލިމެކެވެ. އިންސާނެކެވެ. ކުށެއް ކުރެވިފައި އޮވެދާނެއެވެ. އެކުށަކަށް އެކަށީގެންވާ ސަޒާއެއް މާތްﷲ މިންވަރު ކުރައްވާނެއެވެ. އެކަމަކާ އެއްވެސް ސުވާލެއް، ޝައްކެއް ނެތެވެ.

ޤުރުއާނުގައި އޮންނަނީ، އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއް ކޮށްފި މީހާ، އޭނާ އެކަން ދެކޭނެކަމަށެވެ. މަރުވި ކުއްޖާއަށް ޢަދުލު އިންޞާފު ނުލިބިދާނެތީ އަޅުގަނޑުމެން މުސްލިމުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތެވެ. އިންޞާފު ލިބޭނެއެވެ. އަޅުގަނޑުމެން ކުރަންވީ ކަމަކީ، އިސްލާމް ދީނުގައި އޮތް ގޮތަށް، ދުނިޔޭގެ އިންޞާފުގެ ނިޒާމު ހިންގަންވީއެވެ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއެކު  މީހުންނާމެދު މުޢާމަލާތު ކުރަންވީއެވެ. އަދި އަމުދުން، އަޅުގަނޑުމެންނާމެދު އަނިޔާވެރިވާ މީހުންނާމެދު ރަޙުމް ކުރުމަކީ ތިމާގެ މަތިވެރިކަން ދައްކުވައިދޭ ކަމެކެވެ.

ރަސޫލުﷲ (ޞ) ގެ ޙަޔާތްޕުޅުގައި ކުރިމަތިވި އެންމެ ހިތްދަތި އެއް ދުވަހަކީ، ރަސޫލާ ދީނަށް ގޮވާލެއްވުމަށް ޠާއިފަށް ދަތުރު ކުރެއްވި ދުވަހެވެ. އެދުވަހު، އެރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ރަސޫލާއާ ދިމާއަށް ގާއުކައި، ފުރައްސާރަކޮށް ހެދިއެވެ. އެހިނދު ޖިބްރީލުގެފާނު ވަޑައިގެން، ޠާއިފުގެ މީހުންނަށް ހަދަންވީ ކިހިނެތްތޯ އެއްސެވިއެވެ. ރަސޫލާ ޙަދީޘް ކުރެއްވީ، "އެމީހުން ދޫކޮށްލާށެވެ. އެމީހުންނަށް ހަމަ ނޭނގެނީއެވެ." އަނިޔާވެރިވާ މީހުންނާމެދު އޯގާތެރިކޮށް ހިތުމަކީ ރަސޫލާ އަޅުގަނޑުމެންނަށް ދައްކަވާފައިވާ މަގެވެ.