ރައީސް އަބްދުﷲ ޔާމީން

ފަނޑިޔާރުންނާ މެދު ފަހުރުވެރިވަން: ރައީސް

ރާއްޖޭގައި ތިއްބެވި ފަނޑިޔާރުންނާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުންގެ ގާބިލުކަމާ މެދު ސުވާލު އުފައްދަންވީ ސަބަބެއް ނެތް ކަމަށެވެ.

ގއ. ކަނޑުހުޅުދޫ މިސްކިތް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ފަނޑިޔާރުންގެ ތައުލީމީ ގާބިލުކަމެއް ނެތް ކަމަށް ވިދާޅުވެ ދެއްވާފައިވާ އިންޓަވިއުއަކަށް ރައްދު ދެއްވާފަ އެވެ. ރައީސް ނަޝީދު ވަނީ ފަނޑިޔާރުންނަކީ ފުރަތަމަ ޑިގްރީއާއި އާލަމީ ފާސް ނެތް ބައެއް ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އަދުލް އިންސާފު ގާއިމުކުރަމުންދާތާ އެތައް ސަތޭކަ އަހަރެއް މިހާރު ވެފައިވާ ކަމަށާއި ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަކީ ދޭދޭ މީހުންނަށް ބަލައިގަނެވޭ ކަންކަން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ސްޕްރީމް ކޯޓާއި ހައިކޯޓުގައި ތިއްބެވީ، ޝަރީއާ އާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމް ހޯއްދަވައިގެން ތިއްބެވި ގާބިލް ފަނޑިޔާރުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުންނަކީ އަރަބި ތައުލީމަށް ބެލި ނަމަވެސް ހުޅަނގު ތައުލީމަށް ބެލި ނަމަވެސް ގާބިލު ފަނޑިޔާރުންތަކެއް ކަމަށެވެ.

"މި ވަކާލާތުު ކުރައްވާ އަސާސް ކިހިނެއްހޭ ރާއްޖޭގައި ކަމެއް ރަނގަޅަށް ދާނީ، ހުކުމް ކުރުމަށް ތިއްބަވާ ފަނޑިޔާރުންގެ ފަސްޓް ޑިގްރީ އާއި އަސާސީ ފާސް ވެސް ނެތޭ، އަޅުގަނޑުމެންގެ ހިޔާލަކަށް ނާދެއޭ ތަރައްގީ ގޮތުން އަޅުގަނޑުމެން ގައުމާ ބޮޑެތި ގައުމުތަކާ ހުރި ތަފާތެއް، އެކި ގައުމު ބާރުވެރިކަމާއި ވަސީލަތް ހުންނާނީ އެކި ވަރަށް،" ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަނޑިޔާރުންގެ ފަސްޓް ޑިގްރީ ނެތް ވާހަކަ ދައްކާފައި ކިހިނެއްތޯ ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގަންނަވާނީ، ރައީސް ނަޝީދަށް ވެސް އިންސާފު ލިބިވަޑައިގަންނަވާނީ ރައީސް ނަޝީދު ވެސް މާލެ ވަޑައިގެން ރާއްޖޭގެ އަދުލުގެ ނިޒާމް ގަބޫލުކުރައްވައިގެން އަދުލުގެ ނިޒާމް ދައްކާ މަގުން ހިންގަވައިގެން އިންސާފާ ހަމައަށް ވަޑައިގެން،"

ރައީސް ވިދާޅުވީ، ރާއްޖޭގައި ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާނަމަ އެއީ، ރާއްޖޭގެ އަދުލުގެ ނިޒާމްގެ އުނިކަމެއް ނޫން ކަމަށެވެ. ޝަރުއީ މަރުހަލާތައް ނިންމެވުމަށް ރައީސް ނަޝީދަށް ދައުވަތު އަރުވާ ކަމަށް ވިދާޅުވި އެވެ. އަދި އަމިއްލަފުޅަށް ސްޕްރީމް ކޯޓަށް ހުށަހަޅުއްވަވާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ނަމަ އެކަން ވެސް ކުރެއްވުމަށް ރައީސް ޔާމީން ރައީސް ނަޝީދަށް ގޮވާލެއްވި އެވެ.