ދެއްވަދޫ

ދެއްވަދޫ ބަނދަރާއި ފެން ޕްލާންޓް ރައީސް ހުޅުވައިދެއްވައިފި

ގއ. ދެއްވަދޫ ބަނދަރާއި އައިސް ޕްލާންޓް ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުވައިދެއްވައިފި އެވެ. ބަނދަރާއި އައިސް ޕާލާންޓް ހުޅުވައިދެއްވުމަށް ރައީސް ޔާމީން މިއަދު ހެނދުނު ވަނީ އެރަށަށް ވަޑައިގެންފަ އެވެ.

މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްވަދޫ އައިސް ޕްލާންޓް ހުޅުވާފައިވާއިރު، އެ ޕްލާންޓް ހެދުމަށް ހަވާލުކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑާ އެވެ. މަސައްކަތް ފެށީ 2014 ވަނަ އަހަރު އެވެ. އެ ޕްލާންޓަކީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ.

ދެއްވަދޫގައި މިއަދު ހުޅުވި ބަނދަރަކީ 700 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރެކެވެ. އެ ބަނދަރު ހެދުމަށް 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ އައިމާ ކޮންސްޓްރަކްޝަނާ އެވެ. ނަމަވެސް މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއްވުމުން ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ތޭރަ ސަތޭކަ އެއްހާ މީހުން ދިރިއުޅެމުންދާ ދެއްވާދޫގައި މިއަދު ވަނީ މިސްކިތުގެ ބިންގާ ވެސް އަޅާފަ އެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޔާމީނެވެ. މި މި ސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަސައްކަތަށް ސަރުކާރުން 5.5 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މިސްކިތުގެ މަސައްކަތް ހަވާލު ކުރީ އެސްޖީ ކޮންސްޓްރަކްޝަނާ އެވެ. އެކުންފުނިން އެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގަ އެވެ.