ރާއްޖޭގައި 10،000 ޓަނަށް ވުރެ ގިނައިން މަސް ރައްކާ ކުރެވޭ ގުދަންތައް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގއ. ދެއްވަދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރި އަރަންވީ ވަރަށް ކުރިއަށް ނާރަ އޮތީ މީގެ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައި ވާތީ ކަމަށެވެ.
"ސަރުކާރުން މި އިންޑަސްޓްރީ ކުރިއަށް ގެންދިޔުމަށް މި ވޭތުވެދިޔަ އަހަރުތެރޭގައި ކޮށްފަ އޮތީ ކޮންކަމެއްތޯ؟ ވޭތުވެދިޔަ 25، 30 އަހަރުގެ ތެރޭގައި ކޮށްފަ އޮތީ ކޮން ކަމެއްތޯ؟" ރައީސް ސުވާލުކުރެއްވި އެވެ.
ފެލިވަރު މަސް ފެކްޓްރީއަށް 45 އަހަރުވެފައިވާއިރު ކޫއްޑޫ މަސް ސްޓޯރޭޖަށް 30 އަހަރުވެފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެތަންތަން ތަަރައްގީކުރަން އެއްވެސް ސަރުކާރަކުން ބޮޑު ކަމެއް ކޮށްފައިނުވާ ކަމަށެވެ.
"އޭގެ ސަބަބުން މަސްވެރިންނާއި ސަރުކާރާއި ދޭތެރޭގައި ވަރަށް ބޮޑު ދުރުކަމެއް އެބަ އޮތް. ސަރުކާރުން އޭރު ވިސްނަމުން ދިޔައީ މި ސިނާއަތާ ދުރުވާން،" ރައީސް ވިދާޅުވި އެވެ.
އަމިއްލަ ފަރުދުން ކުރިއަރުވަންޖެހޭ ސިނާއަތެއްގެ ގޮތުގައި މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލުމަކީ އެންމެ ރަނގަޅު ހައްލުނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. މި ސިނާއަތް ކުރިއަރުވަން ސަރުކާރުން އިންވެސްޓްކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންކަން ގިނަ ކަމަށާއި އޭގެ ތެރޭގައި މަސް ރައްކާކުރެވޭ ގުދަންތައް ދެ ގުނަކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ކޫއްޑޫއާއި ފެލިވަރާއި އައްޑު އަތޮޅުގައި މީގެ ފަސް އަހަރު ކުރިން ހެދި ގުދަން ދެގުނަ ކުރަން އަޅުގަނޑުމެންގެ ސިޔާސަތު ތެރޭގައި އެބަ އޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މ. މުލަކާޢި ގދ. ތިނަދޫ އަދި ހއ. އިހަވަންދޫގައި މަސް ގުދަންތައް މިހާރު ހަދަމުންދާ ކަމަށެވެ.
މަހަށް ހަމައަގު ހޯދައިދެވޭނީ އެ ސިނާއަތް ތަރައްގީކޮށްގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މަސްވެރިން ބޭނުންވާނެ އެއަށް ރަނގަޅު އަގެއް ލިބެން. ބޮޑު އަގެއް ލިބެން އެކަން ކުރެވެން އޮންނަނީ މަހުގެ ކޮލިޓީ އިތުރު ކޮށްގެން. ވެލިއު އެޑް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.
މީގެ ކުރީގެ ސަރުކާރުތަކުން އެތައް އަހަރެއް ވަންދެން އިހުމާލުވެފައިވާ ސިނާއަތެއް ކޮޅައް ޖަހާ ރާއްޖޭގެ މަސްވެރިންނަށް ލިބެންވާ ނަފާ އޭގެން ހޯދައިދިނުމަށް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރިކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ބާނާ މަހުގެ އަގު ކަނޑައަޅަނީ ތައިލެންޑުގެ މީހެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އެކަން ކުރަން ޖެހޭ ގޮތެއް ނޫން ކަމަށާއި ރާއްޖޭގެ މަހުގެ އަގު ކަނޑައަޅަން ޖެހޭނީ ދިވެހިން ކަމަށް ވިދާޅުވި އެވެ.
"އެކަން ކުރެވޭނީ މިބާނާ މަސް ރައްކާކުރެވިގެން. އަޅުގަނޑުމެންގެ އަތުގައި އެ ކޮންޓްރޯލް ބާއްވައިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތް ނިމޭއިރުގައި ރާއްޖޭގައި 10،000 ޓަނަށް ވުރެ ގިނައިން މަސް ރައްކާ ކުރެވޭ ގުދަންތައް ހުންނާނެ ކަމަށެވެ. މި ބަދަލާއެކު ބޭރުގެ މާރުކޭޓުތަކަށް ރާއްޖެއިން މަސް ވިއްކާނެ އަގު ރާއްޖޭގެ މަސްވެރިންނަށް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މިއަދުވެސް މަސް ގަންނަމުން މިދަނީ އޭގެ ނުއަގުގަ. އޭގެ ގެއްލުމުގަ" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ވިއްކާ މަހުގެ ރަނގަޅު އަގު ހޯދުމަށް މަސް ބޭރުކުރާ ދެ ބަޔަކާ ވާހަކަ ދެކެވެމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެއީ އިނގެރޭސި ވިލާތާއި ޔޫރޮޕިއަން ޔުނިއަން އެވެ. އެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.
"މި ކުރެވޭ މަޝްވަރާތަކާއި އެކީގައި ވެވޭ އެއްބަސްވުމުގެ ދަށުން ރާއްޖެއިން މި ބޭރު ކުރާ މަހަށް މަސްވެރިން ބޭނުންވާ ބޮޑު އަގު ލިބިގެން ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މިކަމުގެ ވަގުތީ ހައްލެއްގެ ގޮތުގައި ފަސޭހައިން މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހެދުމާއި ހުރިހާ މަހެއް ކިރޭނެ ގޮތް ހެދުމާއި ބާނާ މަހަށް ފަސޭހައިން ފައިސާ ލިބޭނެ ގޮތް ހެދުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވެރިކަމަށް އައިއިރުގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދަރާ އޮތް. މިއަދު އެ ފައިސާ ދައްކާ ނިންމައިފިން." ރައީސް ވިދާޅުވި އެވެ.