ދޮށީ އުމުރުގެ އާބާދީ ބޮޑެތި ރަށް ރަށުގައި އެ މީހުންނަށް ހާއްސަ ހިދުމަތްތައް ލިބޭ މަރުކަޒުތަކާއި ކުލަބުތައް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
ގއ. ދެއްވަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހް ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ހިދުމަތްތަކެއް އެމަނިކުފާނުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެންވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އާބާދީ މިހާރު މިސްރާބު ޖަހާފައިވަނީ ދޮށީ އުމުރުގެ އާބާދީއަކާއި ދިމާއަށް ކަމަށްވުމާއެކު އެ މީހުންނަށް ހަމަޖެހިގެން އުފަލާއެކު އުޅެވޭނެ ގޮތް ހޯދައިދޭން ޖެހޭނެ ކަމަށެވެ.
"އެވްރެޖު ދިވެއްސެއްގެ އުމުރު މިހާރު މިހުރީ 80 އަހަރުގައި. ދުވަސްކޮޅަކުން ރާއްޖޭގެ އާބާދީ ވާނީ ދޮށީ އުމުރުގެ އާބާދީ އަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިުފާނުގެ ސިޔާސަތުގައި ދޮށީ އުމުރުގެ ކޮންމެ މީހަކަށް ގަދަރުވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ. އަދި ރައްކާތެރި ވެއްޓެއްގައި ހަށިހެޔޮކަމާއި، ދުޅަހެޔޮކަމުގައި އުޅެވޭނެ ގޮތްތަކެއް ހޯދައިދީ އެ މީހުންނަށް ލިބިފައި ހުރި ތަޖުރިބާއިން މުޖުތަމައަށް ނަމޫނާ ލިބޭ ބަޔަކަށް އެ މީހުން ހަދައިދޭނެ ކަމަށެވެ.
"ލިބިފައިވާ އިލްމާއި ހުނަރު އެކި ޖީލުތަކަށް ހިއްސާ ކުރެވޭނެ ގޮތް ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސިޔސަތުގެ ތެރޭގައި ވަޒީފާއިން މުސްކުޅި ކުރާ އުމުރަށް އަންނައިރު ޓްރާންޒިޝަނަލް ޓު ވޯކު ނިޒާމު ގާއިމުކޮށް ސައިކޯސޯޝަލް ސަޕޯޓު ދިނުމުގެ އިތުރަށް އެ ގެނެވޭ ބަދަލުތަކަށް މީހުން ތައްޔާރުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަކި އުމުރަކުން މަތީ މީހުންނަށް އިތުރު ޕޮއިންޓް ލިބޭ ވަޒީފާތައް ތައާރަފު ކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވައުދުވެވަޑައިގަތީ އަމިއްލަ މަސައްކަތްތައް ކުރަން ބޭނުންވާ ދޮށީ އުމުރުގެ ބޭފުޅުންނަށް މާލީ އެހީތެރިކަން ލިބޭނެ ގޮތް ހޯދައިދީ ދޮށީ އުމުރާ ގުޅިގެން ދާންމަތިވާ މީހުންގެ ގާތަށް ސިއްހީ އެހީތެރިން ފޮނުވަދޭނެ ކަމަށެވެ. އަދި ހެލްތު ސްކްރީން ހެދުމާއި ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ބޭނުންވާ މައުލޫމާތު ދުވަސްވީ މީހުންނަށް ފޯރުކޮށްދޭނެ ގޮތް ހަދައިދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގަތެވެ.