ބިންހެލުން

އިކްއެޑޯ ބިންހެލުމުގައި 400 އަށްވުރެ ގިނަ މީހުން މަރުވި

އިކުއެޑޯއަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި 400 އަށް ވުރެ ގިނަ މީހުން މަަރުވި ކަމަށް އިކުއެޑޯގެ އޮފިޝަލުން ހާމަކޮށްފި އެވެ. އެގޮތުން މިދިއަ ހޮނިހިރު ދުވަހު އިކުއެޑޯއަށް އައި ބިންހެލުމުގައި މަދުވެގެން 413 މަރުވި ކަމަށް، އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޮފިޝަލުން ވިދާޅުވީ ބިން ހެލުމުގައި ހަލާކުވެގެން ދިޔަ ބިލްޑިންގްތައް ބަލައި ފާސްކުރާ ވަރަކަށް މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ހިނގައިދާނެ ކަމަށެވެ.

އިކުއެޑޯއަށް ކުރިމަތިވި ބިންހެލުމާއި ގުޅިގެން ރެޑް ކްރޮސްއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެހީގެ މައި ސެންޓަރެެއް ގާއިމު ކޮށްފައެވެ. އަދި މިއަދުން ފެށިގެން ވަނީ ވޮލަންޓިއަރުން ހޯދަން އިއުލާންވެސް ކޮށްފައެވެ.

ރެޑް ކްރޮސް އިން ބުނެފައިވާ ގޮތުގައި، އެއްދުވަސް ތެރޭގައި 200 އާއި 300 މެދު ކިޔަވާ ކުދިންނާއި، ޑޮކްޓަރުންނާއި ނަރުހުން ވަނީ ވޮލަންޓިއަރުންގެ ގޮތުގައި ނަން ނޯޓު ކޮށްފައެވެ.

ރެޑް ކްރޮސް އިން ވަނީ އިކުއެޑޯގެ އެކި ސަރަހައްދު ތަކުގައި ސްޓޭޝަންތަކެއް ގާއިމު ކޮށްފައެވެ. މި ސްޓޭޝަން ތަކުގައި ބޯ ހިޔާވަހި ކަމުގެ އިތުރުން، އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުން ވެސް ހިމެނެއެވެ.