ދުނިޔެ

މޮރޮކޯ ބިންހެލުމުގެ ހިތާމާގައި އައިފިލް ޓަވަރު ނިއްވާލައިފިި

މޮރޮކޯއަށް ހުކުރު ދުވަހުގެ ރޭ އެރި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 2،021 ވަނީ ފަހަނައަޅާފަ އެވެ.

މި ހާދިސާގައި 2،059 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދޭން ޖެހޭ ވަރަށް ކުދިބޮޑު އަނިޔާ ލިބިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ބިންހެލުން މޮނީޓަރުކުރާ ބައިނަލްއަގުވާމީ އިދާރާތަކުން ބުނާ ގޮތުން މޮރޮކޯއަށް އެރި ބިންހެލުމުގެ ބާރު މިނަކީ 6.8 މެގްނިޓިއުޑް އެވެ.

މޮރޮކޯގައި މިހާރު އޮތީ ހިތާމަ ފާޅުކުރުމެވެ. ރަސްގެފާނު މުހައްމަދު ހަވަނައިގެ ޝާހީ ގަރާރަކުން ހިތާމަފާޅުކުރުމަށް ތިން ދުވަސް އޮތީ ކަނޑައަޅާފަ އެވެ.

މި ހިތާމާގައި މުޅި ދުނިޔެ ބައިވެރިވަމުން އަންނައިރު، މަރުވި މީހުންނާއި އަނިޔާވި މީހުންގެ ހިތާމާގައި ބައިވެރިވުމަށް ފަރަންސޭސިވިލާތުން ވަނީ -- އެ ގައުމުގަށް ގަދަރުވެރިކަން ގެނުވައިދޭ އުސް ބިނާއެއް ކަމަށްވާ އައިފިލް ޓަވަރު ނިއްވާލާފަ އެވެ.

ގައުމުތަކަށް ދިމާވާ މިފަދަ ބޮޑެތި ހިތާމަތަކުގައި ބައިވެރިވުމަށް ފަރަންސޭސިވިލާތުން އައިފެލް ޓަވަރު ނިއްވައި އުޅެ އެވެ. އަދި ދުބާއީގެ ބުރޫޖް ޚަލީފާއަށް މެސެޖްތައް އަރުވައި ހިތާމާގައި ބައިވެރިވެ އެވެ.

މިހެން ކަން ކުރުމުން ދުނިޔެއަށް ބޮޑުކަމެއް ލައިގެނެގެން އުޅޭކަން މި މަންޒަރުތައް ފެންނަ މީހުންނަށް އެނގެ އެވެ.

މޮރޮކޯއަށް ބިންހެލުން އެރީ މަޝްހޫރު ސިޓީއެއް ކަމަށްވާ މަރާކިޝްއާ ވަރަށް ގާތަށެވެ، މިއީ ވިޔަފާރިވެރިންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ސިޓީއެކެވެ. މި ސިޓީގައި އިސްލާމީ ވަންތަކަން -- މިސްކިތްތަކާއި މަދަރުސާ އަދި މިފަދައިން އިސްލާމީ ސިފަތައް ރަމްޒުކޮށްދޭ ބިނާތައް ވަރަށް ގިނަ ކަމަށް ވެއެވެ.

މި ހާދިސާގައި ވަރަށް ގިނަ އަވަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އިމާރާތައް ފުނޑުފުނޑުވެ ވަނީ ވެއްޔަށް ވެފަ އެވެ. އިންޓިރިއާ މިނިސްޓްރީން ނޫސްތަކަށް ބުނި ގޮތުން އިމާރާތްތަކަށް އެރި ލޮޅުމުގައި ބިމާހަމަވެފައި ވަނީ ކިތައް އިމާރާތްކަށް ދެނެގަނެވޭނީ ހިރަފުސް އޮބުމުންނެވެ.

ރަސްގެފާންގެ އަމުރަށް މީހުން ސަލާމަތްކުރުމަށް -- އިމާރާތްތަކުގެ ދަށުވެފއިތިބި މީހުން ހޯދުމަށް އަސްކަރިއްޔާއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަސްކަރިއްޔާގެ އެންގުމާ އެއްގޮތަށް އާންމުން އަމަލުކުރުމަށް މިހާރު އޮތީ އެމެޖެންސީ އަމުރެއް ނެރެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ މިފަހުގެ ތާރީޚެއްގައި މޮރޮކޯއަށް އެރި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުން ރެކޯޑްކުރެވިފައިވާ ބާރުމިނަށް ވުރެ ބޮޑު ގެއްލުން އެ ގައުމަށް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.