ދުނިޔެ

ޗައިނާގައި ބިންގަނޑު ކަނޑައިގެން ގޮސް ބިރުވެރިކަން އުފެދިއްޖެ

ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދަށް އައި ބިންހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސް ބިރުވެރިކަން އުފެދިއްޖެ އެވެ.

މި ހާދިސާގައި މަގުތަކުގައި ރެނދުލުމާ ގުޅިގެން 10 މީހަކު ޒަހަމްވެ އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބިންހެލުން އައިސްފައި ވަނީ 5.2 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. މިއީ އާދަޔާ ޚިލާފު ބާރުގަދަ ބިންހެލުމެއް ނޫނެވެ. އެހެން ނަމަވެސް، ހާލަތު ބަދަލުވެ ދިޔަ ގޮތުން ބިރުވެރި މަންޒަރުތައް ފާޅުވީ އެވެ.

މި ބިންހެލުން އައީ ހަމަ ބިމުން ފެށިގެން 10 ކިލޯ މީޓަރު އަޑިއަށް ކަމަށް ގްލޯބަލް ޓައިމްސްގައި ވަނީ ބުނެފަ އެވެ. އަނިޔާ ލިބުނު އެންމެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ނުވަ މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ބިންހެލުމުގެ ސަބަބުން 2،800 ގެދޮރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އާންމުގެ މުދަލަށާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އިތުރުން ފެނާއި ކަރަންޓް އަދި މުވާސަލާތީ ގުޅުން ކަނޑައިގެން ދިޔަ ކަމަށް އިދާރާތަކުން ބުނެ އެވެ.

މި ބިންހެލުމަށް ފަހު އިތުރު ދެ ބިންހެލުމެއް -- އެކަމަކު ތަންކޮޅެއް ބާރުދަށް -- އެ ސަރަހައްދަށް އެރި ކަމަށް އިދާރާތަކުން ބުނެ އެވެ. އެހެން ނަމަވެސް، ކުރިއާލައި އިންޒާރުދިނުމުގެ ސަބަބުން އާންމުގެ ބަޔަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މި ބިންހެލުމާ މެދު އާންމުން ބިރުގަނެ ކޮޅުކޮޅަށް ދުވަން ފެށީ ބިންގަނޑު ކަނޑައިގެން ދިއުމުންނެވެ. އިދާރާތަކުން ބުނާ ގޮތުން ބިންހެލުންތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެކެވެ.