ވިޔަފާރި

ފެރީ ދުއްވައިގެން އެމްޓީސީސީއަށް ގެއްލުންވަނީ ކީއްވެ؟

Feb 2, 2015
1

އެމްޓީސީސީގެ އަހަރީ ހިސާބުތައް ނެރޭއިރު "ފޮރުވިފައި" އޮންނަ ބޮޑު ވާހަކަ އެއް އޮވެ އެވެ. އެއީ އެ ކުންފުންޏަށް ޓްރާންސްޕޯޓުގެ ބައިން ގެއްލުންވާ ވާހަކަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެރީ ދަތުރުކޮށްގެން ގެއްލުންވާ ވާހަކަ އެވެ. އެކަމަކު މީގެ ސަބަބެއް ނޭނގެ އެވެ. އެމްޓީސީސީއަށް ފެރީ ދުއްވައިގެން ގެއްލުން ވަނީ ކީއްވެގެން ހެއްޔެވެ؟

"ޓްރާންސްޕޯޓް ސެކްޓާއިން އަބަދުވެސް އަޅުގަނޑުމެންނަށް ގެއްލުން ވޭ. އަޅުގަނޑުމެންގެ ހުރި ބިންތައް ހެދޭނެ ގޮތެއް ނެތުމުން. އެމްޓީސީސީގައި ކުންފުނީގެ އަމިއްލަ ބިންތަކެއް އެބަހުރި. އެހެންވެ ލިބޭނެ ގެއްލުންތައް ފޫބެއްދޭނެ ގޮތެއް ނެތް،" "އަވަސް" އަށް ދެއްވި އިންޓަވިއުއްގައި އެމްޓީސީސީގެ ސީއީއޯ އަބްދުރައްޒާގު ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ސަރުކާރުން ހުޅުމާލެ ފެރީޓާމިނަލް ކައިރިންވެސް ބިންތަކެއް ދީފައިވެ އެވެ. އެކަމަކު އެ ބިންތައް ތަރައްގީ ކުރުމުގައި ގިނަ ކޮންޖެހުންތަކެއް އެބަ ހުއްޓެވެ. ސަބަބަކީ "ގެއްލުންވާ" ދާއިރާއަކަށް ވާތީ އިންވެސްޓަރުން، މި ދާއިރާއަށް ޖެހިލުންވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ފެރީގެ ހިދުމަތް 1995 ގައި ފެށީއްސުރެން ފެށިގެން ފެށިގެން ދަތުރު ކުރަން ދަނީ އެއް އަގެއްގައި ކަމަށެވެ. މިއީ ވެސް ފެރީގެ ހިދުމަތުން ގެއްލުވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

" ފެރީގެ ދާއިރާއިން އެންމެ ބޮޑު ގެއްލުމެއް ވަނީ ތެލުގެ ހަރަދު ބޮޑުވާތީ. އަޅުގަނޑުމެން ފެރީގެ ހިދުމަތް ފެށިއިރު ލީޓަސަލް ލިޓަރެއް އޭރު އުޅުނީ ފަސް ރުފިޔާއަށް. އެއިރުވެސް ފެރީ ދަތުރެއް ކުރީ ފަސް ރުފިޔާއަށް. އޭގެ ސަބަބުން ޑީސަލްގެ އަގު ބޮޑުވަމުން އައި ގޮތާއި ރާއްޖޭގެ އިންފްލޭޝަން ބޮޑުވަމުން އައި ގޮތް ފެނޭ. ހަމައެގޮތަށް އިހަކަށް ދުވަހު ތެލުގެ އަގު ދަށްވީ. ތެލުގެ އަގަށް އަންނަ ވަރަށް ފެރީ ޓިކެޓުގެ އަގު ބޮޑެއް ނުކުރެވޭ. އެހެންވެ އޭގެން ލިބޭނީ ގެއްލުން ބޮޑު،" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީން ދަނީ ސްކޫލް ކުދިނަށް ހުޅުމާލެ އާއި މާލެ އަދި ވިލިނގިލި މާލެއަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ނަމަވެސް މި ދަތުރުތަކުން އެ ކުންފުންޏަށް ދަނީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ވަމުންނެވެ.

ހަލީމް ވިދާޅުވި ގޮތުގައި މި ދަތުރުތަކުން ބޮޑު ގެއްލުމެއްވެ އެވެ.

"ސްކޫލް ކުދިންނަށް ދަތުރު ކުރުމުން މަހަކު ހަތަރު ލައްކަ ރުފިޔާގެ ގެއްލުންވޭ. އެކަމު މިއީ ރައްޔިތުންނަށްޓަކައި ކޮށްދޭ ކަމެއް. މި ކަމަށް އަދި ސަބްސިޑީއެއް ހަމަ ނުޖެހޭ. އެކަމަކު ސަބްސިޑީއެއް ހަމަޖެއްސުމަށް މިދަނީ މަސައްކަތް ކުރަމުން،" ހަލީމް ވިދާޅުވި އެވެ.