ރައީސް އަބްދުﷲ ޔާމީން

ނަޝީދުގެ އިނާޔަތްތައް ކެނޑޭ ގޮތަށް ފާސްކުރި ބިލް ރައީސް ތަސްދީގުކޮށްފި

Apr 19, 2016
1

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދޭ އިނާޔަތްތަކާއި މަންފާތައް ކަނޑާލެވޭ ގޮތަށް ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް ގެނައި އެއް ވަނަ އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިޞްލާހާ ގުޅިގެން، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ. އަދި ގާނޫނަށް މި ގެނެވުނު އިޞްލާޙާ އެކު ކުރީގެ ރައީސުން ވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ މި ޤާނޫނުގައިވާ ގޮތަށް ޢަމަލުކުރެވޭނެ އެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިރު، ކުރި ކުށަކަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެ ހިސާބުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.