މުހައްމަދު ނާޒިމް

ފަރުވާ ނުނިމުނަސް ބުރާސްފަތި ދުވަހު ނާޒިމް ރާއްޖެ އަންނާނެ: އާއިލާ

އަންނަ ބުރާސްފަތި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އާއިލާއިން ބުނެފި އެވެ. އާއިލާއިން ބުނީ، ނާޒިމްގެ ބޭސްފަރުވާ އަދި ނުނިމޭ ކަމަށެވެ.

ނާޒިމްގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނާޒިމަށް އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިފައިވަނީ ބޭސްފަރުވާ ނުނިމެނީސް ކަމަށާއި، ބޮޑު ހަރަދުގައި ނާޒިމް ބޭސްފަރުވާ ކުރައްވަމުން ދިޔައީ އަމިއްލަ ހަރަދުގަ ކަމަށެވެ. ނާޒިމް ކުރައްވަނީ ލޮލުގެ ފަރުވާއެކެވެ. އެ ފަރުވާ އެއްކޮށް ނުނިމެނީސް ވަޑައިގަތުމުން ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބަޔާނުގައިވެ އެވެ.

ދައުލަތުން އެކަށީގެންވާ ފަރުވާއަށް ނާޒިމަށް ދެމުން ނުދާތީ ބޮޑު ހޭދައެއް އަމިއްލައަށް ކޮށްގެން ރާއްޖެ ބޭރުގައި ބޭސްފަރުވާ ކުރަމުން ދަނިކޮށް އެ ފަރުވާ އެއްކޮށް ނުނިމެނީސް ރާއްޖެ ވަޑައިގަތުމަށް އެންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ. އަދި ނާޒިމް އެނބުރި ރާއްޖެ ވަޑައިނުގެންފިނަމަ ގަދަކަމުން ގެންނާނެ ކަމަށް ބުނެ އިންޒާރުދިނުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

ނާޒިމަށް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނުން ދީފައިވަނީ 48 ގަޑިއިރުގެ މުއްދަތެކެވެ. އެ މުއްދަތުގައި ރާއްޖެ ވަޑައިނުގެންފިނަމަ ގެނައުމުގެ މަސައްކަތް ކަރެކްޝަނުން ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނާޒިމްގެ އާއިލާއިން ބުނީ ބޭރަށް ގޮސް ބޭސްފަރުވާ ކުރަންޖެހުނީ ޖަލުގައި އެކަށީގެންވާ ފަރުވާއެއް ނުލިބޭތީ އާއި ރާއްޖެއިން ނުކުރެވޭ ފަރުވާއެއް ކުރަން ޖެހުމުން ކަމަށެވެ. ބޭރަށް ވަޑައިގަތުމުގެ ހުއްދަ ލިބުނީ ވެސް އެތައް ފަހަރަކު އެކަމަށް ތަކުރާރުކޮށް އެދިގެން ކަމަށެވެ. ނާޒިމްގެ ބޭސްފަރުވާ ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުންވާ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.