މޫސުން

ވިއްސާރަ ކުރާނެ! އެކަމަކު މަސް ނިމެންދެން ހޫނުވާނެ!

ވާރޭ ވެހެން ފެށި ނަމަވެސް ހޫނު މޫސުން އަދި ނުނިމޭ ކަމަށާއި މި މަހުގެ ނިޔަލަށް އިތުރަށް ހޫނުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ ފޯކާސްޓަރަކު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މި ދުވަސްކޮޅައި އަޅާ ބަލާއިރު 0.7 ޑިގްރީ ސެލްސިޔަސް އަށް ހޫނުމިން މައްޗައް އުފުލިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާތަނަށް އެންމެ ހޫނުވެފައިވަނީ މީގެ 18 އަހަރު ކުރިން 36 ޑިގްރީ ސެލްސިޔަސް އަށް ކަމަށެވެ. އެ ރިކޯޑަށް ވުރެއް މައްޗައް ހޫނުވެފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ މި ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުނަސް ހޫނު މޫސުން ނިމުމަކަށް ނާންނަ ކަމަށާއި މިމަހު ފަހުކޮޅާއި ހަމަޔަށް ގަދަޔަށް ހޫނު ވާނެ ކަމަށެވެ.

"ހޫނު މޫސުން ނިމުމަކަށް ނާދެ. އަދި ރާއްޖޭގެ އެންމެ ހޫނު މޫސުން ކުރިޔަށް އޮތީ. ނަމަވެސް މި ދޭތެރެއިން ވާރޭކޮޅެއް ވެހުމުން އެކަން އިހުސާސް ނުވަނީ. މިމަހު ގާތްގަނޑަކަށް އާދައިގެ ހޫނުމިނުގައި ހުންނާނެ ކަމަށް ލަފާވޭ ނަމަވެސް މި މަސް ނިމުނީމަ މަޑުމަޑުން ހުޅަނގު މޫސުމަށް އެޅެމުންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މޫސުމާބެހޭ އިދާރާގެ ވެދާ ފޯކާސްޓަރު ވިދާޅުވީ ކުރިޔށް އޮތް 24 ގަޑިއިރު ތެރޭގައި ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް އާދައިގެ ވަރަކަށް ވައި މަޑުވާނެ ކަމަށެވެ.