ސީކްރެޓް ރެސިޕީ

ރައީސް ސީކްރެޓް ރެސިޕީ ހުޅުވައި ދެއްވައިފި

Apr 19, 2016

އޭޝިޔާގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ސީކްރެޓް ރެސިޕީ" ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވައިފި އެވެ. މިއަދު ހަވީރު މި ރެސްޓޯރެންޓް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނެވެ.

ރޭ ހުޅުވާ ގޮތަށް އޮތުމަށްފަހު ކެންސަލްކޮށް ކުއްލި ގޮތަކަށް މިއަދު ހަވީރު ބޭއްވި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ވެސް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސީކްރެޓް ރެސިޕީ ރެސްޓޯރެންޓް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން، ލިލީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އާމިރު މަންސޫރު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ސީކްރެޓް ރެސިޕީގެ މެނޫއެއް މިއަދު އެރުވިއެވެ.

މި ރެސްޓޯރަންޓް ހުޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން "ސީކްރެޓް ރެސިޕީ" ރެސްޓޯރެންޓް ހުޅުވީ މަޖީދީމަގުގައި ކުރިން ޖަޔަންޓް ސުޕަ ސްޓޯރު ހުޅުވާފައި ހުރި އިމާރާތުގަ އެވެ.

އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ "ސީކްރެޓް ރެސިޕީ" ހަދާފައިވަނީ ހުރިހާ މީހުންނަށް ވެސް ކެއުމަށް އިންސާފު ކުރެވޭނެ ގޮތަށެވެ.

ތިން ބުރިއަށް ހަދާފައިވާ މި ރެސްޓޯރެންޓުގައި 200 މީހުންގެ ޖާގަ އޮވެ އެވެ. މި ތަނުގައި އާއިލާތަކަށް ހާއްސަ ބައެއް ހުރެ އެވެ. އަދި ކުޑަކުދިން ކުޅޭނެ ޖާގައެއް ވެސް އޮވެ އެވެ. މީގެ އިތުރުން ކުދި މީޓިން ރޫމުތައް ބޭއްވުމަށް ވެސް ހާއްސަ ބައެއް ހުރެ އެވެ. އަދި ސްމޯކިން އޭރިއާއަކާއި ޕާޓީތައް ބޭއްވުމަށް ވެސް މިތަނުގައި ޖާގަ އޮވެ އެވެ. މި ރެސްޓޯރެންޓުގައި ކޭކުގެ 17 ވައްތަރެއް ލިބެން ހުންނާނެ އެވެ.

ސީކްރެޓް ރެސިޕީއަކީ 1997 ވަނަ އަހަރު އުފެދުނު މެލޭޝިޔާގެ ބްރޭންޑެކެވެ. އަދި މި ބްރޭންޑުގެ ރެސްޓޯރެންޓުތައް މިހާރު ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުގައި ހުޅުވާފައިވެ އެވެ.