ރާއްޖެ ކުޅިވަރު

ޖެނުއަރީ ޓްރާންސްފާގެ ފަހު ދުވަހުގެ އަޑުތައް

މި ސީޒަންގެ ޖެނުއަރީ ޓްރާންްސްފާގެ ފަހު ދުވަހަށް ކުރިމަތިލާއިރު، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ފޯރި ކުޑަ އެވެ. ފާއިތުވި ސީޒަންތަކުގެ ޖެނުއަރީ ޓްރާންސްފާގައި ވެސް، މަޝްހޫރު ކުޅުންތެރިންތަކެއް ކްލަބު ބަދަލުކުރި ނަމަވެސް، މި ސީޒަންގެ ޖެނުއަރީ ޓްރާންސްފާގައި އަދި މިހާތަނަށް އިވިފައިވަނީ އަޑުތަކެވެ. އެކަމަކު ޓްރާންސްފާގެ ފަހު ދުވަހު، ފާހަގަކޮށްލެވޭ ބަދަލުތަކެއް ފެނިދާނެ އެވެ.

ފިއޮރެންޓީނާ އަށް ކުޅެމުންދިޔަ ކޮލަމްބިއާގެ މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯ ޗެލްސީ އަށް ވިއްކާލަން އެ ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް ވަނީ އާދެވިފަ އެވެ. ކުއަޑްރާޑޯ އާއި ޗެލްސީއާދެމެދު ވެސް ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އެކަމަކު ޗެލްސީ އަށް ކުއަޑްރާޑޯގެ ޓްރާންްސްފާ ފައިނަލް ކުރެވެން އޮތީ، ޗެލްސީގެ ޖަރުމަން ފޯވަޑް އަންދްރޭ ޝޫލާ ޖަރުމަންގެ ވުލްފްސްބާގަށް ބަދަލުވެެންނެވެ. ވުލްފްސްބާގަށް ޝޫލާ ބަަދަލުވުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި އެއްބަސްވުމަކާ ގާތަށް މިހާރު މަޝްވަރާތައް ކުރިއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ކުއަޑްރާޑޯ ޗެލްސީ އަށް ގެންނަނީ އެ ޓީމަށް ކުޅެމުންދިޔަ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސަލާހު ލޯނު އެއްބަސްވުމެއްގެ ދަށުން ފިއޮރެންޓީނާ އަށް ދޫކޮށްލާ ގޮތަށެވެ. އެކަަމަކު މި ޓްރާންސްފާތައް މުޅިން ކަށަވަރުވާނީ ޝޫލާ ވުލްފްސްބާގަށް ބަދަލުވާނެކަން ޔަގީންވުމުންނެވެ.

އިނގިރޭސި ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އިން އިތުުރު ކުޅުންތެރިން ހޯދަންޖެހޭކަން ތަޖުރިބާކާރުން ގަބޫލްކުރެ އެވެ. ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑް އިން ކުޅުންތެރިންތަކަކަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުން ބުނި ނަމަވެސް، މި ޓްރާންސްފާގައި ޔުނައިޓެޑް އިން ބަދަލުތަކެއް ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓެޑް އިން ޖެނުއަރީ ޓްރާންސްފާގެ ދޮރު ބަންދުވުމުގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑްގެ ޖަރުމަން ޑިފެންޑަރު މެޓް ހަމެލްސް އަށް ބިޑެއް ކުރާނެ އެވެ. އެކަމަކު ޖެނުއަރީ ޓްރާންސްފާގައި ހަމެލްސް ޑޯޓްމަންޑް ދޫކޮށްލުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެތުލެޓިކޯ ބިލްބާއޯގެ އައިމެރިކް ލަޕޯޓާ އަށް ވެސް ޔުނައިޓެޑުން ޝައުގުވެރިވި ނަމަވެސް، ލަޕޯޓާ ވެސް ޖެނުއަރީގައި އެހެން ކްލަބަށް ބަދަލުނުވާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޔުނައިޓެޑް އިން ޝައުގުވެރިވާ ސައުތުހެމްޓަންގެ ނެތޭނިއެލް ކްލައިން ޖެނުއަރީގައި ނުވިއްކާނެ ކަމަށް ސައުތުހެމްޓަން އިން ވަނީ ބުނެފަ އެެވެ. ރޯމާ އާށް ކުޅެމުންދާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން ވެސް ޖެނުއަރީގައި ދޫކޮށްލަން ރޯމާ އިން ބޭނުމެއް ނުވެ އެވެ.

ޔުނައިޓެޑްގެ ވިސްނުން ހުރީ އެ ކްލަބުން ބޭނުންވާ ކުޅުންތެރިން ޖެނުއަރީ މަހު ނުލިބިއްޖެ ނަމަ، ހޫނު މޫސުމުގެ ޓްރާންސްފާ އަށް މަޑުކުރުމަށެވެ. ވަގުތީ ހައްލެއް ޔުނައިޓެޑް އިން ބޭނުމެއް ނުވެ އެވެ.

ޔުނައިޓެޑްގެ ބެލްޖިއަމް ވިންގާ އަދުނާން ޔަނުޒާއީ ލޯނު އެއްބަސްވުމެއްގެ ދަށުން ގެންދަން ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ޝައުުގުވެރިވެ އެވެ. ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލްގެ އިރުޝާދުގެ ދަށުން ޔަނުޒާއީ އަށް ލިބޭ ފުރުސަތުތައް މަދެ އެވެ. -- ބީބީސީ