މޫސުން

ދެން މޫސުން ރަނގަޅުވާނީ ހުކުރު ދުވަހު: މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ހުކުރު ދުވަހާ ހަމައަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ރާއްޖޭގެ މަތީގައި އުފެދިފައި އޮތް ލޯ ޕްރެޝާ ވިލާގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

"މިއަދާއި މާދަމާ ވިއްސާކުރި ނަމަވެސް ހުކުރު ދުވަހު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ، ހުކުރު ދުވަހު މިމަހުގެ އާދައިގެ ހޫނުމިނަށް ބަދަލުވާނެ ކަމަށް ލަފާކުރެވެނީ" މެޓް އޮފީހުގެ ވެދާ ފޯކާސްޓަރަކު ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މެޓް އޮފީހުގެ ވެދާ ފޯކާސްޓަރު ވިދާޅުވީ މިއަދު ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެބާރުމިނުގައި، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދު އާދައިގެ ވަރަކަށް ވައި މަޑުވާނެތީ ކަޑުތައްވެސް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ފޯކާސްޓަރު ވިދާޅުވި އެވެ.

އަދި މާދަމާވެސް ރާއްޖެއަށް ގުގުރުމާއެކު ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެއްވެސް ރަށެއްގައި ފެން ބޮޑުވިކަމުގެ ރިޕޯޓެއް އަދި ކޮށްފައިނުވާ ކަމަށް ފޯކާސްޓަރު ވިދާޅުވި އެވެ.