ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް ބޮންޑެޑް ވެއާހައުސްގައި ހުރި ކޮންޓެއިނާތަކާ ހަވާލުވާން އަންގައިފި

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ބޮންޑެޑް ވެއާހައުސްގައި ކޮންޓެއިނާތައް ބަހައްޓާފައި ހުރި އަމިއްލަ ފަރާތްތަކުން އެމްއޭސީއެލް އަށް ނުދައްކައި އެއްވެސް ކުއްޔެއްވާނަމަ އެ ފައިސާ ދެއްކުމަށްފަހު ކޮންޓެއިނަރުތަކާ ހަވާލުވާން އެމްއޭސީއެލް އިން އަންގައިފި އެވެ.

އެމްއޭސީއެލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އަލަށް ގާއިމްކުރަން ހަމަޖެހިފައިވާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި މިހާރު ހުރި ބޮންޑެޑް ވެއާހައުސް ހުސްކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ ވެއާހައުސްގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ކޮންޓެއިނާތައް ދައްކަންޖެހޭ ހުރިހާ ފީއެއް ދެއްކުމަށްފަހު އަންނަ މޭ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ގެންދިއުމަށެވެ.

މޭ މަހުގެ ހަތް ވަނަ ދުވަހުގެ ފަހަށް ނުގެންގޮސް ހުންނަ ކޮންޓެއިނާތައް ނައްތާލަން ހަމަޖެހިފައިވާތީ އެތަކެތި ވީހާވެސް އަވަހަށް ގެންދިއުމަށް އެ ކުންފުނިން ވަނީ އަންގާފަ އެވެ.

"ބޮންޑަޑް ވެއަހައުސްގައިވާ އަމިއްލަ އެކި ފަރާތްތަކުގެ ކޮންޓެއިނަރުތައް މި ކުންފުންޏަށް ދައްކަންޖެހި ނުދައްކާ ހުރި ކުލީގެ ފައިސާއާއި، ކަރަންޓް ބިލުތަކަށް ދައްކަންޖެހޭ ފައިސާއާއި، އެހެނިހެން ފައިސާ ދެއްކުމަށްފަހު، 7 މޭ 2016 ގެ ނިޔަލަށް ހުސްކުރުމަށް ދަންނަވަމެވެ. އެ ތާރީހުގެ ނިޔަލަށް ނުގެންދެވި ހުރި ކޮންޓެއިނަރުތައް ނައްތައިލާނެކަން އަންގައި، ނައްތައިލެވޭ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް މޯލްޑިވިސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޓެޑުން ބަދަލު ނުދެވޭނެކަމުގައި ދަންނަވަމެވެ،" އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމްއޭސީއެލުން ބުނީ ކޮންޓެއިނާތަކާއި ހަވާލުވުމަށް ބޭނުންވާ މައުލޫމާތު އެމްއޭސީއެލް އޮފީހަށް ގުޅައިގެން ހޯދޭނެ ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ހުޅުލޭގައި ހިދުމަތް ދެމުން އަންނަ ބޮންޑަޑް ވެއާހައުސް ހުސްކުރަން އަންގާފައިވާއިރު، އެ ވެއާހައުސް ވަގުތީގޮތުން ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލެ އެމްޕީއެލް ޓާމިނަލަށެވެ. ނަމަވެސް ފަހުން ހުޅުމާލޭގައި އެ ވެއާހައުސްގެ ހަތަރުބުރީގެ އިމާރާތެއް އަޅާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.