ފީފާގެ ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ހަމަނުވާތީ، އެ މަގާމަށް ކުރިމަތިލުމުގ ފުރުސަތު ފީފާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޖެރޯމް ޝެމްޕޭން އަށް ވެސް ގެއްލިއްޖެ އެވެ.
ފީފާގެ ރައީސް ކަމަށް ކުރިމަތިލުމަށް ފީފާގެ މެމްބަރު އެސޯސިއޭޝަންގެ ތެރެއިން ފަސް އެސޯސިއޭޝަންގެ ތާއީދު ބޭނުންވި ނަމަވެސް، އެ އަދަށް މެމްބަރު އެސޯސިއޭޝަންތަކުގެ ތާއީދު ނުލިބުނު ކަމަށް ޝެމްޕޭން ބުންޏެވެ. ޝެމްޕޭނަށް ލިބުނީ ތިން އެސޯސިއޭޝަންގެ ތާއީދެވެ.
"ފީފާގެ ރައީސް މަގާމަށް ކުރިމަތިލުމަށް ބޭނުންވާ އަދަދަށް މެމްބަރު އެސޯސިއޭޝަންތަކުގެ ތާއީދެއް ނުލިބުނު. ހިތާމަކުރަން އެ ފުރުސަތު ގެއްލުނީތީ،" ޝެމްޕޭން ބުންޏެވެ.
ކުރިން ޑިމްޕޮމެޓެއްގެ ގޮތުގައި މަސަައްކަތްކުރި ޝެމްޕޭން ވަނީ ފީފާގައި 11 އަހަރު މަސައްކަތްކޮށްފަ އެވެ. ޝެމްޕޭން ވަނީ ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާގެ އިލެކްޝަން ކެމްޕޭންތަކުގައި ކުރިން މަސައްކަތްކޮށްފަ އެވެ.
މެމްބަރު އެސޯސިއޭޝަންތަކުގެ ތާއީދު ނުލިބިގެން ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ޖިނޮލާ އަށް ވެސް ވަނީ ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުުރުސަތު ގެއްލިފަ އެވެ.
ފީފާގެ ރައީސް ބްލެޓާ ވަނީ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. ނެދަލޭންޑްސްގެ ފުޓްބޯލް ފެޑޭރޭޝަންގެ ރައީސް މައިކަލް ވެން ޕްރާގް އާއި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އަދި އޭއެފްސީގެ ނައިބު ރައީސް ޖޯޑަންގެ ޕްރިންސް އަލީ ވެސް ފީފާގެ ރައީސް ކަމަށް ވާދަކުރަން ވަނީ ނިންމައިފަ އެވެ.
ޕްރިންސް އަލީ އަށް ތާއީދުކުރާނެ ކަމަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ. ފީފާގެ ރައީސް ކަމަށް ކުރިމަތިލުމަށް ބޭނުންވާ އަދަދަށް މެމްބަރު އެސޯސިއޭޝަން ތާއީދު ލިބިފައިވާ ކަމަށް ޕްރިންސް އަލީ ވަނީ ވިދާޅުވެފަ އެވެ.
ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯލް އެޑްމިނިސްޓްރޭޝަންގައި އަމަލީ ގޮތުން މަސައްކަތްކުރުން ހިމެނެ އެވެ.
ފީފާގެ އިންތިހާބު އޮންނާނީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. -- ބީބީސީ