އޭސީސީ

ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ދައުލަތުގެ މުއައްޒިފުން ސޮއިކޮށްފި

ގައުމީ އެންޓި ކޮރޮޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ދައުލަތުގެ މުއައްޒިފުން ސޮއިކޮށްފި އެވެ. އެ ވައުދުގައި މިއަދު ވަނީ 200 ރަށެއްގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ސޮއިކޮށްފަ އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ފުވަމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެންޓި ކޮރޮޕްޝަންކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ނަޒާހަތްތެރިކަން ޕްރޮމޯޓްކޮށް ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެގޮތުން މިއަދު ސޮއި މިކުރެވޭ ނަޒާހަތްތެރިކަމުގެ ގައުމީ ވައުދަކީ އެކަން ހަންދާން ކޮށްދިނުމަށްޓަކައި ކަމަށެވެ.

އެ ރަސްމިއްޔާތަށް ފަހު "އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ލުތުފީ ވިދާޅުވީ ނަޒާހަތްތެރިކަން ދައުލަތުގެ ހުރިހާ އިދާރާތަކަށް ވެސް ހަނދާން ކޮށްދޭންޖެހޭ ކަމަށާއި އެގޮތުން މިއަދު 200 ރަށެއްގެ ހުރިހާ ސްކޫލަކުންނާއި ހޮސްޕިޓަލުތަކުން އަދި ކޯޓުތަކުގައި އުޅުއްވައި ފަރާތްތައް ވެސް މި ވައުދުގައި ސޮއި ކުރާނެ ކަމަށެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ބުނެފައި ވަނީ ހަވާލު ކުރެވިފައިވާ މަސައްކަތާއި ޒިންމާތައް އަދާކުރަން ރައްޔިތުންނާއި މުއާމަލާތް ކުރާނީ ތެދުވެރިކަމާއި އަމާނަތް ތެރިކަމާއި އެކުގައި ކަމަށާއި ނަޒާހަތްތެރިކަމާއި އެކު ކޮރޮޕްޝަންގެ ހުރިހާ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކޮަށް އެފަދަ އަމަލުތައް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަނެ ކަމަށެވެ. އަދި ރިޝްވަތު މުއާމަލާތްތައް ނުކުރުމަށާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުންތަކަށް ބޭނުން ނުކުރާނެ ކަމަށާއި ގާނޫނާއި ގަައިދަށް އިހުތިރާމް ކުރުމަށް ހުރިހާ ފަރާތްތަކަށް ހަނދާންކޮށްދޭނެ ކަމަށް އެ ވައުދުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މަސްލަހަތު ފުށުއަރައި ކަންކަން ހާމަކޮަށް އެކަން ކަމުގައި ބައިވެރި ނުވާނެކަމަށާއި އަދި މިއީ ދިވެހި ގައުމަށާއި ރައްޔިތުންނަށްވާ ވައުދެއް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.