އަބްދުލް ބާރީ ޔޫސުފް

ގާޒީ ބާރީގެ ފޮޓޯ ނެގި މައްސަލާގައި ހެކި ނެތިގެން އަޑުބަރޭ ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފުގެ ފޮޓޯއެއް މަގުމަތިން ނަގައި އިންޒާރުދިން ކަމަށް ބުނާ މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.

އެ މައްސަލަ ފައިލްކޮށްފައިވާކަން އަންގާފައިވަނީ މިއަދު އެވެ. މައްސަލާގައި ތުހުމަތުކުރީ އެމްޑީޕީގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) އަށެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިއަދު ވަނީ އަޑުބަރޭއަށް ފޮނުވާފަ އެވެ. އަޑުބަރޭ އަވަސްއަށް ބުނީ، އެ ރިޕޯޓްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން ބުނާ ފޮޓޯ އަޑުބަރޭގެ ފޯނުގައި ނެތުމާ މައްސަލާގައި ދައުވާކުރެވޭ މިންވަރަކަށް ހެކި ނެތުމުން އެ މައްސަލަ ފައިލްކުރާ ކަމަށް ކަމަށެވެ.

މި މައްސަލާގައި އަޑުބަރޭ ހައްޔަރުކޮށްފައިވެސްވެ އެވެ. އަމީނީމަގު ހެޕީ މާކެޓު ކައިރިން އަޑުބަރޭ ހައްޔަރުކުރީ ކޯޓު އަމުރު ދެއްކުމަށްފަހު އެވެ. ގާޒީ ބާރީއަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފެށީ ކްރިމިނަލް ކޯޓުން، ސިޓީއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ގާޒީ ބާރީގެ ފޮޓޯއެއް ނަގާ އިންޒާރުދޭން މަސައްކަތް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ، ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކްރިމިނަލް ކޯޓް ހުންނަ ޖަސްޓިސް ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި ތެރެއިންނެވެ.

ކްރިމިނަލް ކޯޓުން ފުލުހުންނަށް ހުށަހެޅި ސިޓީގައި، ގާޒީ ބާރީއަށް އިންޒާރު ދިން މީހާ ދުއްވަން އިން ސައިކަލްގެ ނަންބަރު ޖަހާފައިވެ އެވެ. ސިޓީގައި ބުނެފައިވާ ގޮތުގައި، އެމީހާ ވަނީ "ކަލޭ ފޮޓޯއެއް ނަގަން އެބަ ޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭ ހަދާއެއްޗެއް ހަދާ! ކަލޭގެ ފޮޓޯ ނަގާނަން" މިހެން ބުނެ ގާޒީ ބާރީއަށް އިންޒާރުދީފަ އެވެ.

ގާޒީ ބާރީ ވަނީ ސައިކަލުގައި ދިޔަ މީހާ ގާޒީ ބާރީގެ ނުރުހުމުގައި ފޮޓޯ ނަގައި އިންޒާރުދީފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ. ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަޑުބަރޭއަކީ ސިޔާސީ ހަރަކާތްތަކުން ފެންނަ މޫނެކެވެ. ކުރިން ޑީއާރްޕީގެ ހަރަކާތްތަކުގައި ވަރަށް ހަރަކާތެރިކޮށް އަޑުބަރޭ ފެނިފައިވާއިރު މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ޑީއާރްޕީއިން ވަކިވުމާ ގުޅިގެން އަޑުބަރޭ ވެސް ވަނީ އެ ޕާޓީ ދޫކޮށްލާ، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައެއްގެ ސަބަބުން އޭނާގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވުމުން ގާޒީ ބާރީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މޭޑޭގެ މުޒާހަރާގެ ކުރީ ސަފުގައި އަޑުބަރޭ ހަރަކާތްތެރިވެފައިވެ އެވެ.