މުހައްމަދު ނާޒިމް

ފަރުވާ ފުރިހަމަ ނުކޮށް ނާޒިމް ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރާއްޖެ ވަޑައިގެންފި އެވެ. ނާޒިމް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ނާޒިމްގެ އާއިލާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނާޒިމަށް އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިފައިވަނީ ބޭސްފަރުވާ ނުނިމެނީސް ކަމަށާއި، ބޮޑު ހަރަދުގައި ނާޒިމް ބޭސްފަރުވާ ކުރައްވަމުން ދިޔައީ އަމިއްލަ ހަރަދުގަ ކަމަށެވެ. ނާޒިމް ކުރައްވަނީ ލޮލުގެ ފަރުވާއެކެވެ. އެ ފަރުވާ އެއްކޮށް ނުނިމެނީސް ވަޑައިގަތުމުން ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބަޔާނުގައިވެ އެވެ.

ދައުލަތުން އެކަށީގެންވާ ފަރުވާއަށް ނާޒިމަށް ދެމުން ނުދާތީ ބޮޑު ހޭދައެއް އަމިއްލައަށް ކޮށްގެން ރާއްޖެ ބޭރުގައި ބޭސްފަރުވާ ކުރަމުން ދަނިކޮށް އެ ފަރުވާ އެއްކޮށް ނުނިމެނީސް ރާއްޖެ ވަޑައިގަތުމަށް އެންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

ނާޒިމްގެ އާއިލާއިން ބުނީ، ބޭރަށް ގޮސް ބޭސްފަރުވާ ކުރަންޖެހުނީ ޖަލުގައި އެކަށީގެންވާ ފަރުވާއެއް ނުލިބޭތީ އާއި ރާއްޖެއިން ނުކުރެވޭ ފަރުވާއެއް ކުރަން ޖެހުމުން ކަމަށެވެ. ބޭރަށް ވަޑައިގަތުމުގެ ހުއްދަ ލިބުނީ ވެސް އެތައް ފަހަރަކު އެކަމަށް ތަކުރާރުކޮށް އެދިގެން ކަމަށެވެ. ނާޒިމްގެ ބޭސްފަރުވާ ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.