ދުނިޔެ

ކާސްޓްރޯ އަސަރުގަދަ ވަދާއީ ތަގުރީރެއް ދެއްވައިފި

ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކަސްޓްރޯ، ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި، ވަދާއީ ތަގުރީރެއް ދެއްވައިފި އެވެ. ފިޑެލް ކަސްޓްރޯ ދެއްވި ވަދާއީ ތަގުރީރުގައި ޕާޓީ އުފެއްދި ސަބަބު ހަނދާންކޮށް، މުޅި ޕާޓީ ބިނާވެފައިވާ އަސްލުތައް ހިމާޔަތްކޮށް، އެ ކަންކަން ރައްކާތެރިކުރުމަށް ގޮވާލެއްވެވި އެވެ.

ފިޑެލް ކަސްޓްރޯ އަކީ އެމެރިކާގެ ތާއީދު އޮތް ސަރުކާރު ވައްޓާލައި ކޮމިއުނިސްޓް އިނގިލާބެއް ކިއުބާއަށް ގެންނެވި ބޭފުޅެކެވެ. އެ އިންގިލާބަށް ފަހު ފިޑެލް ކަސްޓްރޯ ވަނީ 2008 ގެ ނިޔަލަަށް ކިއުބާގެ ވެރިކަން ކުރައްވާފަ އެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާ ވެރިކަން ކުރެވޭ ވަރަށް ވުރެ ހާލުކޮޅޫ ދެރަވުމުން ޖެހިވަޑައިގެންނެވީ އެމަނިކްފާނުގެ ކޮއްކޮ، ރައުލް ކަސްޓްރޯއަށް ވެރިކަން ހަވާލު ކުރައްވާށެވެ.

ފިޑެލް ކަސްޓްރޯ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކިއުބާއިން ކޮމިއުނިސްޓް ހަމަތައް ނެތިގެން ދިޔަދީގެން ނުވާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމުގައި، ސަރުކާރު ހިންގި ގޮތާމެދު ހަނދުމަފުޅު އާ ކުރައްވަމުން ވިދާޅުވީ އިޚްލާސްތެރިކަމާއެކު ބުރަކޮށް މަސައްކަތް ކުރުމުން، ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ތަކެއްޗާއި ޚިދުމަތްތައް ފޯރު ކޮށްދެވޭނެ ކަމަށެވެ. އަދި އެ އުސޫލުތަކުގެ މަތިން ވެރިކަން ކޮށް، އޭނާގެ ވެރިކަމުގައި މުޅި ދުނިޔެއަށް އެކަމުގެ ފޮނި ނަތީޖާ ކިއުބާއިން ދައްކާފައިވާނެ ކަމަށެވެ.

ލެޓިން އެމެރިކާއަށް ކިއުބާގެ ކުރިއެރުމާއި، ތަރައްގީ ދައްކަން ޖެހޭނެ ކަމަށާއި، އެކަން ކިއުބާއަށް ކުރެވޭނެ ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދެން ޕޯޑިއަމް އަރާ ވާހަކަ ދެއްކެވުމުގެ ފުރުސްތު ނުލިބިދާނެ ކަމަށާއި "ކޮންމެ މީހެއްގެ ވެސް ވަގުތު ހަމަވާނެ" ކަމަށެވެ. އަދި ވިދާޅުވީ އަވަސް މުސްތަގްބަލެއްގަ ވަގުތު އައިސް އޭނާ އާ އަރާ ހަމަކުރާނެ ކަމަށެވެ.

ވާހަކަ ދެއްކެވުމުގައި ވަރަށް ކުޅަދަނާ އަދި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ކާސްޓްރޯ އޭނާގެ އަސަރުގަދަ ތަގުރީރު ނިންމަވާލައްވަމުން ކޮމިއުނިސްޓް ޕާޓީއަށް ހިތްވަރު ދީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށް، ޕާޓީއަށް ވަފާތެރިވާން އިލްތިމާސް ކުރެއްވި އެވެ.

ކަސްޓްރޯގެ ތަގުރީރު ނިމުމާއެކު، ޕާޓީގެ މެމްބަރުން ވަނީ، އެމަނިކްފާނުގެ ނަމުން ގޮވައި ތަރުހީބްދީ ހެޔޮ ދުއާތައް ޕާޓީގެ އެންމެ ފުރަތަމަ ރައީސްއަށް އޮއްސާލާފަ އެވެ.