ދުނިޔެ

އދ. އިން ސީރިއާގެ ހަތަރު އަވަށަކުން މީހުން ހުސް ކުރަނީ

ސީރިޔާގެ ރައީސް، ބައްޝާރުލް އައްސަދުގެ ސަރުކާރު ކޯލިޝަނުން ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފައި ވަނިކޮށް، ހަމަލާތައް އަލުން ފެށުމުގެ ސަބަބުން ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށި، ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފި އެވެ.

ސަރުކާރު ކޯލިޝަނުން އާންމުންނަށް އަޅާލުމެއް ނެތި ހަމަލާތައް އާ ކުރުމުގެ ސަބަބުން، އދ. އިން ވަނީ ސީރިޔާގެ 4 އަވަށެއްގެ މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ. ސީރިޔާގެ ހަތަރު އަވަށަކުން އދ. އިން ވަނީ އިވެކިއުއޭޓް ކުރުމަށް ރައްކާތެރި މަގެއް ހަމަޖައްސާފައެވެ.

އދ. އިން އެންމެ ބޮޑަށް އިސްކަން ދެނީ ބަލި މީހުންނާއި، ޒަހަމްވެފަ ތިބި މީހުން ފުރަތަމަ ރައްކާތެރި ސަރަހައްދަށް ގެންދިޔުމަށެވެ. އަދި މިފަދަ މީހުންގެ އާއިލާތައް ރައްކާތެރި ހިސާބުތައްކަށް ގެންދިޔުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި އޮޕެރޭޝަންއާ ހަވާލުވެ ހުރި އދ. ގެ އޮފިޝަލުން ވިދާޅުވެފައިވަނީ މިހާރު 500 ވަރަކަށް މީހުން އިވެކިއުއޭޓް ކުރުމަށް ރާވައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީހުން އިވެކިއުއޭޓް ކުރަން ފަށާފައިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދޮށުގައި އޮތް ހަތަރު އަވަށަކުންނެވެ. އެއީ އައްސަދުގެ ސަރުކާރު ކޯލިޝަނުން މި އަވަށް ތަކަށް ހަމަލާދޭން ފެށުމުންނެވެ. ސަރުކާރު ކޯލިޝަނުން ހަމަލާތައް އާ ކުރުމުގެ ސަބަބުން އެތަކެއް ހާސް ބަޔަކު ވަނީ ސަރަހައްދުން ފިލާ ގޮސް އެހެން ގައުމުތަކަށް ހިޖުރަ ކުރަން މަސައްކަތް ކޮށްފައެވެ.