ވިޔަފާރި

ޑޮލަރުން ލިބުނު އާމްދަނީ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

Apr 23, 2016
  • ފުރަތަމަ ކުއާޓަރުގައި 187 މިލިއަން ޑޮލަރު
  • މިދިޔަ 153 މިލިއަން ޑޮލަރު
  • މީރާއަށް އެންމެ ގިނައިން ޑޮލަރުން އާމްދަނީ ބަލައިގަތް ކުއާޓަރު

މި އަހަރުގެ ފުރަަތަމަ ކުއާޓަރުގައި (ފުރަތަމަ ތިން މަސް) ދުވަހު ޑޮލަރުން ދައުލަތައް ލިބުނު އާމްދަނީ ރެކޯޑް އަދަކަށް އިތުރުވެފައިވާ ކަމަށް ޓެކްސް އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މި އަހަރުގެ ޖެނުއަރީ-އެޕްރީލް މަހުގެ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 187.73 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ލިބުނު 153.57 މިލިއަން ޑޮލަރާ އަޅާބަލާއިރު 22.2 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ މީރާގެ ތާރީހުގައި ވެސް ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ބަލައިގަތް ކުއާޓާ އެވެ.

ފުރަތަމަ ކުއާޓަރު ރެކޯޑް އަދަދެއްގެ އާމްދަނީ ޑޮލަރުން ލިބުނުއިރު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ޖީއެސްޓީއިންނެވެ. ޓޫރިޒަމް ޖީއެސްޓީ އިން ބަލައިގަތް އާމްދަނީގެ އަދަދަކީ 75.99 މިލިއަން ޑޮލަރެވެ. އަދި ލޭންޑް އެކުއެޒިޝަން ފީގެ ގޮތުގައި 31.45 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ. އަދި ޓޫރިޒަމަށް ދޫކުރި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކޮށްގެން 24.18 މިލިއަން ޑޮލަރު އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 19 މިލިއަން ޑޮލަރާއި ބީޕީޓީގެ ގޮތުގައި 16.21 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ.