އެމްއެންޑީއެފް

ބަރުދަނުގައި 100 އެއްހާ ކިލޯ، ފަސްވަނަ ބުރިން އޭނާ ބޭލީ ސިފައިންގެ ކެރޭނުގައި

އޮޕަރޭޝަންނެއްގެ ސަބަބުން ހިނގަން އުނދަގޫވެ، ސިޑިން ނުފޭބުނު ޒުވާނަކު ސިފައިންގެ ފަޔާ ފައިޓަރުންގެ އެހީތެރިކަމާއެކު އެ ގެއިން ބާލައިފި އެވެ. އެ ޒުވާނާ ބަލާފައިވަނީ ގ. ވަޑިނޮޅިގެ ފަސް ވަނަ ފަންގިފިލާއިންނެވެ.

ރޭ 11:20 ހާއިރު، އެމްއެންޑީއެފްގެ ފަޔާ ލޮރީ ބޭނުންކޮށް އެ ޒުވާނާ ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން އަލީ މިއަދު އަވަސްއަށް ވިދާޅުވީ، އިމާރާތަކުން ބަރު މީހެއް ބޭލުމަށް ސިފައިން ރޭ ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ބަރުދަނުގައި ގާތްގަނޑަށް 100 އެއްހާ ކިލޯ ހުންނަ ކޮންމެވެސް ވަރަކަށް ބަލި ޒުވާނެކެވެ. އަދި އެ ޒުވާނާ ބަނޑުގެ އޮޕަރޭޝަނެއްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ރޭ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ އޮޕަރޭޝަންކުރި ތަން އިތުރަށް ގޯސްވުމުގެ ސަބަބުންނެވެ. ސިފައިން އެ ޒުވާނާ ކެރޭނުން ބާލާފައި ވަނީ ވެސް ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ 18 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އެ މައުލޫމާތު ސާފެއް ނުވެ އެވެ.

ރޭ އެމީހާ ބޭލުމުގައި ސިފައިން ހަރަކާތްތެރިވި އިރު ގިނަ އަދަދެއްގެ މީހުން ވެސް ޖަމާވި އެވެ.