އަބްދުﷲ ޖިހާދު

"ހާލުގައި ޖެހުނު މީހުނަށް އަންނަ ހަފުތާގައި ފައިސާ ދޭނަން"

  • 33 މީހަކަށް ފައިސާގެ އެހީ ދޭނެ
  • އެސެސްމެންޓް ރިޕޯޓް މިހާރު ވަނީ ލިބިފައި
  • މިހާރު ވެސް ސަރުކާރުން ދަނީ އެހީވަމުން

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުން މީހުނަށް ސަރުކާރުންދޭ މާލީ އެހީ މި ފެށޭ ހަފްތާ ތެރޭގައި ހަވާލު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވި އެއްގައި ޖިހާދު މިއަދު މިހެން ވިދާޅުވީ އިރު، ސަރުކާރުން މިހާރުވެސް ދަނީ އަލިފާނުގެ ސަބަބުން ވަގުތީ ހިޔާގައި އުޅޭ މީހުނަށް ބޭނުންވާ ބޯހިޔާވެހި ކަމައި އަންނައުނުގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ރިޕޯޓުގެ ނަތީޖައި މިހާރު ލިބިފައިވާ ކަމަށާއި އެގޮތުން އެއަށް ބިނާކޮށް އެހީ ދޭން ޖެހޭ މީހުންނަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށެވެ.

"އަލިފާނުން ގެއްލުން ލިބި ގެއައް ނުވަދެވިފައި ތިބި މީހުން ބަލައި އެމީހުނަށް ބޭނުންވާ އެހީތެރިކަން މިހާރު ވާނީ ބަލާފައި. އެގޮތުން ގާތް ގަނޑަކަށް 33 މީހުންނަށް ސަރުކާރު ފަރާތުން މާލީ އެހީތެރިކަން ދޭން ނިންމާފައިވޭ. އަންނަ ހަފްތާތެރޭގައި އެހީ ހަވާލު ކުރާނެ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހުނު މީހުނަށް މާލީ އެހީތެރިކަން ދޭން ނިންމާފައިވާ އިރު، ދައުލަތުން އެކަމަށް ކިހާވަރެއް ހަރަދު ކުރައްވާނެ ކަން ނިންމަވާނީ ރައީސް ކަމަށާއި އެމީހުނަށް ފައިސާ ހަވާލު ކުރެވޭނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އިން ކަނޑައަޅައިފަވާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

ކޯސްޓްލައިންގައި ރޯވުމުގެ ސަބަބުން ގެއްލުން ލިބުނު އެހެން ފަރާތްތަކަށް އެކުންފުނިން ވެސް ވަނީ އެއް މިލިއަން ރިފުޔާގެ އެހީ ދޭން ނިންމާފަ އެވެ. ޑިސާސްޓާ މެނޭޖްމަންޓް އިން މައުލޫމާތު ދޭ ގޮތުގައި އެހާދިސާ އިން ގެއްލުންވެ ވަގުތީ ހިޔާގައި މިހާރު 85 މީހުން ތިބި ކަމަށެވެ. އަދި އެމީހުން ތިބެނީ މާލޭގެ އެކި ގެސްޓް ހައުސްތަކުގައި ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.