ރިސޯޓުތަކުގައި ފޮޓޯ ނަގާ ބިދޭސީ ފޮޓޯގްރަފަރުންގެ މަސައްކަތް ހުއްޓުވުމަކީ ދިވެހި މަސައްކަތްތެރިންނަށް ލިބޭ އާ ރޫހަމަށް ވެގެންދާނެ ކަމަށް ފޮޓޯ ކައުންސިލުން ބުނެފި އެވެ.
ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ ވިދާޅުވީ ރިސޯޓުތަކުގައި ފޮޓޯ ނަގާ ބިދޭސީ ފޮޓޯގްރަފާރުންނަށް ހުއްދަ ނުދޭން ނިންމި ނިންމުމަކީ މުހިންމު ނިންމުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދި ވިޔަފާރިތަކެއް މަސައްކަތް ކުރާ މި ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދާއިރާގައި ކުރިން ވަރަށް ގިނަ ޒުވާނުން މަސައްކަތް ކުރި. އެކަމަކު ބިދޭސީން އައިސް މިތާ ފޮޓޯނަގަން ފެށި ހިސާބުން ހުލިވަމުން ގޮސް ގިނަ ބަޔަކު މަސައްކަތް ހުއްޓާލީ. ކުރިން މި ރީފް ސައިޑް ފަދަ ތަންތަނުން ކެނޮން ކަހަލަ ކެމެރާ ވެސް ވަރަށް ގަދަޔަށް ވިކުނު. އެކަމަކު މި ދާއިރާއަށް ހުއްޓުން އައުމުން އެ ވިޔަފާރިއަށް ވެސް ހީނަރުކަން އައިސްފައިވާ ކަމަށް ވޭ،" ޝާފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު މާލެ ކައިރީގައި ހުރި އެއްވެސް ރިސޯޓަކުން ދިވެހިންނަށް ފޮޓޯނަގަން ޖާގައެއް ނެތް ކަމަށެވެ.
"މި ދާއިރާގައި އެބަތިބި 5،000 ދިވެހި ފޮޓޯގަރަފަރުން. ޕްރޮފެޝަނަލް ފޮޓޯގްރަފީގެ މަސައްކަތް ކުރާ 1500 އެހާ މީހުން އުޅޭ. އެކަމަކު މިހާރު މި މީހުންނަށް ޖާގަ ނެތީ ބޭރު މީހުންނާ ހެދި،" ޝާފީ ވިދާޅުވި އެވެ.
ޝާފީ ވިދާޅުވި ގޮތުގައި ބިދޭސީ ފޮޓޯގްރަފަރުންނަށް ފޮޓޯނެގުމުގެ މަގު ބަންދު ކުރިނަމަވެސް، ރިސޯޓުތަކުގައި މިހާރު ވެސް ގިނަ ބަޔަކު ފޮޓޯ ނަގަން އެބަތިބި ކަމަށެވެ.
މިހާރު އުފެދޭ ސުވާލަކީ ރިސޯޓުތަކުގައި ތިބި ބިދޭސީ ފޮޓޯގްރަފަރުންގެ މަސައްކަތް ހުއްޓުވާނީ ކިހިނެއް ބާއޭ؟ އަލަށް ބަޔަކަށް ފުރުސަތު ނުދިނަސް މިހާރު މަސައްކަތް ކުރާ މީހުންގެ މަސައްކަތްވެސް ހުއްޓުވަން ޖެހޭ،" ޝާފީ ވިދާޅުވި އެވެ.