ދިރާގު

ދިރާގުން ހިއްސާއަކަށް ބަހާ އަދަދު ނުވަ ރުފިޔާއަށް ވުރެ މައްޗަށް

Apr 26, 2016
3

ދިރާގުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ރޭ ކަނޑައެޅި 4.69 ރ. އާއެކު، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ޖެހޭ އަދަދު 9.53ރ. އަށް އަރައި، ހިއްސާދާރުން އުފާކޮށްލައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑުން ނިންމި ގޮތަށް ހިއްސާއަކަށް 4.69 ރ. ބަހަން އާއްމު މެންބަރުން ވަނީ ރުހުން ދީފަ އެވެ. މިރޭގެ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 75 ޕަސެންޓް ހިއްސާދާރުންގެ ވޯޓުން ހިއްސާއަކަށް ބަހަން ނިންމާފައިވަނީ 4.69ރ. އެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ފުރަތަމަ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 8.84ރ. ބަހާފައިވެ އެވެ. މިއާއެކު ރޭ ބަހަން ކަނޑައަ އެޅި 4.69ރ. އެއް ކުރުމުން ހިއްސާގެ އަދަދު މިވަނީ 9.53ރ. އަށް އަރާފަ އެވެ.

ދިރާގުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ގޮތުގައި ހޮވިފައިވަނީ ހަމައެކަނި ކުރިމަތިލެއްވި އިމްރާން އަލީ އެވެ. މިހާރު ވެސް ހުންނެވީ އޭނާ އެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޑިޓު ކުރުމަށް ހޮވިފައިވަނީ ކޭޕީއެމްޖީ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް މިދިޔަ އަހަރު އަހަރު ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ.