- ފަހި ވޯޓު ފަރުމާކުރީ ސްޓޮކް އެކްސްޗޭންޖުން
- މީގެ ކުރިން ފަހި ވޯޓުން، ވޯޓު ލާފައިވޭ
- ދިރާގަށް މިދިޔަ އަހަރުގެ ބޮޑު ފައިދާއެއް
ދިރާގުން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އޮންލައިން ވޯޓު ލާން ކުރި މަސައްކަތް ނާކާމިޔާބު، އެންމެ ފަހުން އަތް އުފުލައިގެން ވޯޓު ނަގައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ކަންކަން ނިންމުމަށް ނަގާ ވޯޓު ލާން ފުރަތަމަ ހަމަ ޖެއްސީ "މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން" ތަރައްގީ ކޮށްފައިވާ "ފަހި ވޯޓު" މެދުވެރިކޮށެވެ. ނަމަވެސް މި ސިސްޓަމުން ވޯޓު ލާން ވޯޓަށް އެހުންމުން ވެސް އެކަންވާގޮތެއް ނުވި އެވެ. އަދި މިކަމުގެ ސަބަބުން ގިނަ ވަގުތު ތަކެއް ގެއްލިގެން ދިޔަ އެވެ.
ހިއްސާދާރުންނާ މުހާތަބުކޮށް، ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ "ފަހި ވޯޓު" ން ވޯޓު ލުމަށްޓަކައި ދެ ފަހަރެއްގެ މަތިން ޓެސްޓް ވެސް ކުރި ކަމަށެވެ. ނަަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވުމުން މި ފަހަރު މިކަން ވާގޮތެއް ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުން ރޭ ބޭއްވި އެ ކުންފުނީގެ 27 ވަނަ އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ ޖުމްލަ އަދަދަކީ 61 އެވެ. މީގެ ތެރޭގައި ހިމެނެނީ އާއްމު ޖަލްސާ އަށް ހާޒިރުވި 33 ހިއްސާދާރުންނާއި ހިއްސާދާރުގެ ބަދަލުގައި ހުށަހަޅާފައިވާ 31 ޕްރޮކްސީ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ޓެލެކޮމް ކުންފުނިން ރޭ ބޭއްވި ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 4.69ރ. ބަހަން ވަނީ ނިންމާފަ އެވެ. ދިރާގުން ވަނީ މިދިޔަ އަހަރުގެ ފައިދާ އިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 4.84ރ. ބަހާފަ އެވެ. ނިމިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ކަނޑައެޅި އަދަދާއެކު މިދިޔަ އަހަރުގެ އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާ އަކަށް ޖެހޭ އަދަދު ވަނީ 9.53ރ. އަށް އަރާފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް މިދިޔަ އަހަރު އަހަރު ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ.
ދިރާގަކީ ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާއާއި ދިވެހި ސަރުކާރުގެ 41.2 ޕަސެންޓް ހިއްސާ އަދި އާއްމު ހިއްސާދާރުންގެ 6.2 ޕަސެންޓް ހިއްސާ ތަމްސީލްކުރާ ކުންފުންޏެވެ. އެ ކުންފުނީގައި މިހާރު ހަތަރު ލައްކައަށްވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ.