- މިދިޔަ އަހަރު 725 މިލިއަން ރުފިޔާގެ ސާފު ފައިދާ
- ހިއްސާއަކަށް ބަހަން ނިންމީ 4.69ރ.
- ހިދުމަތް ރަނގަޅު ކުރަން މަސައްކަތް ކުރޭ
އަހަރީ އާއްމު ޖަލްސާއަކީ ކުންފުނީގެ ހިއްސާދާރުން ހިތުގައި އޮންނަ ސުވާލުތަކަށް ޖަވާބު ހޯދަން ލިބޭ ރަނުގެ ފުރުސަތެވެ. އަހަރީ އާއްމު ޖަލްސާތައް "ހޫނުވަނީ" މިހެންވެ އެވެ. ނަމަވެސް ރޭ ނިމިދިޔަ ދިރާގު އަހަރީ އާއްމު ޖަލްސާގައި ފެނުނީ ހިއްސާދާރުންގެ ސުވާލެއް ނެތް ތަނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟
ޗެއާމަން މުހައްމަދު އަޝްމަލީ ހިއްސާދާރުންގެ ސުވާލެއް އޮތްތޯ އެއްސެވުމުން ފެނުނީ އެންމެ ސުވާލެއް ކުރިތަނެވެ. އެ ސުވާލުވެސް ހުޅިފައިވަނީ ނަމްބަރު ޕޯޓެބިލިޓީ އަށެވެ. ފަހަރެއްގައި ސުވާލެއް ނެތީ ކުންފުނީގެ ހިންގުން ރަނގަޅުވެ، ހިދުމަތް ރަނގަޅު ކުރަމުންދާތީ ކަމަށް ވެދާނެ އެވެ.
ނަމްބަރު ޕޯޓެބިލިޓީއާ ބެހޭ ގޮތުން ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްލާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ކަސްޓަމަރުންގެ އަދަދު ހަތަރު ލައްކަ އަށް އަރާފައިވާ ކަމަށެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މި މަސައްކަތުގެ ދަށުން މޮބައިލް ނެޓްވޯކު އަޕްގްރޭޑްކޮށް، ހިދުމަތް ފުޅާ ކުރަމުންނެވެ. މިގޮތުން އެ ކުންފުނިން ވަނީ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ތްރީޖީގެ ހިދުމަތް ދީފަ އެވެ. ދެން އޮތީ ކުންފުނީގެ މާލީ ހާތުގެ ވާހަކަ އެވެ.
ދިރާގަށް ނިމިދިޔަ އަހަރަކީ މާލީ ގޮތުން އުފާވެރި އަހަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް މިދިޔަ އަހަރު އަހަރު ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ.