އަބްދުﷲ ޖިހާދު

އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކުރުމުގެ މަޝްވަރާތަކަށް ޖިހާދު

ރާއްޖޭގައި ހަލާލް ހަބެއް ގާއިމްކުރުމާއި، އިސްލާމިކް ބޭންކިން އާއި އިސްލާމިކް ކެޕިޓަލް މާކެޓް ރާއްޖޭގައި ފުޅާކުރުމާއި ބެހޭގޮތުން މި ސަރަހައްދުގައި އިސްލާމިކް ބޭންކިން އެންމެ ފުޅާދާއިރާއެއްގައި ތަންފީޒުކުރަމުންދާ މެލޭޝިއާގެ އިސް ބޭފުޅުންނާއި މިނިސްޓަރު ޖިހާދު ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގެ އިސްލާމިކް ބޭންކިންގެ ދާއިރާ ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ހޯދަންޖެހޭ ފަންނީ ތަޖުރިބާއާއި މައުލޫމާތު ހޯދުމަށް މިނިސްޓަރު އަބްދުﷲ ޖިހާދު އިސްކޮށް ހުންނަވައިގެން އެ މިނިސްޓްރީގެ އިސް ބޭފުޅުން މެލޭޝިއާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދަވާ އެ ދަތުރުފުޅުގައި މިނިސްޓަރު ޖިހާދު ވަނީ އިސްލާމިކް ފައިނޭންސް އާއި އިސްލާމިކް ބޭކިންގެ ދާއިރާގައި މެލޭޝިއާގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކަކާ ބައްދަލުކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްލާމިކް ފައިނޭންސްގެ ހަމަތަކާއި އެއްގޮތަށް މުއާމަލާތައް ކުރިއަށްގެންދެވިދާނެ ގޮތްތަކާ ބެހޭގޮތުންނާއި، ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ފަރާތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް، މެލޭޝިއާގެ ބޭންކް ނެގާރަގެ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަން ޑރ. މުހައްމަދު ދާއޫދް އާއި މިނިސްޓަރު ޖިހާދު ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ފަރާތުން ވަރަށް އުންމީދީ ވާހަކަތަކެއް ދެއްކެވި ކަމަށާއި، ބައްދަލުވުން ނިންމަވާލެއްވުމަށްފު ޑރ. ދާއޫދު އެމަނިކުފާނު އެންމެ ފަހުން ލިޔުއްވި ފޮތުގެ ކޮޕީއެއް ޖިހާދަށް ހަދިޔާކުރެއްވި ކަމަށެވެ.

ރާއްޖޭގެ އިސްލާމިކް ފައިނޭންސްއާ ބެހޭ މަރުކަޒުގެ އަމާޒުތަކާއި ލަނޑުދަނޑިތައް ހިއްސާކުރެއްވުމަށް ބެންކް ނެގާރާގެ ޑެޕިއުޓީ ގަވަރުނާއާއި މިނިސްޓަރު ޖިހާދު އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފައިނޭންސްގެ ދާއިރާ ހަރުދަނާކުރުމަށް ބެންކް ނެގާރާގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް މިއަދު އެ ބޭންކްގެ ގަވަރުނަރަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ބިން އިބްރާހިމް ވިދާޅުވި ކަމަށް މުނީޒާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މި ދަތުރުފުޅުގައި މިނިސްޓަރު ޖިހާދު އިއްޔެ ވަނީ، މެލޭޝިއާގެ ހަލާލް އިންޑަސްޓްރީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއި މޭބޭންކް އިސްލާމިކް މެލޭޝިއާ އާއި، އައިބީއެފްއައިއެމް އާއި، މެލޭޝިއާގައި ހުންނަ އިންޓަނޭޝަނަލް ޝަރީއާ ރިސާޗް އެކަޑެމީއާއި، ގްލޯބަލް ޔުނިވަސިޓީ އޮފް އިސްލާމިކް ފައިނޭންސް ފަދަ ތަންތަނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

މިއަދު ކުރިއަށްދާ ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރު ޖިހާދު ވަނީ މެލޭޝިއާގެ ފިނޭންސް މިނިސްޓަރު އަހުމަދް ހުސްނީއާއި ބައްދަލުކުރައްވާފަ އެވެ. އަދި މެލޭޝިއާގެ އެގްޒިމް ބޭންކްގެ ޗެއާމަން ދަތުކް މަދް ނޫރް ނާވީ އާއި މެލޭޝިއާ އެކްސްޓާނަލް ޓްރޭޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ވެރިންނާ ވެސް މިނިސްޓަރު ޖިހާދު ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިހްތިސާސުން ބޭރުގައި، ރާއްޖެއިން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފައިދާކުރުވަނިވި ގޮތެއްގައި ދެމެހެއްޓޭނެ ގޮތްތަކާ ގުޅޭގޮތުން މެލޭޝިއާގެ ލަބުއާން އިންޓަނޭޝަނަލް ބިޒްނަސް އެންޑް ފިނޭސް ސެންޓަރުގެ އިސް ވެރިންނާ ވެސް ފިނޭންސްގެ ވަފުދުން ވަނީ މަޝްވަރާކުރައްވާފަ އެވެ.