ފިނިޕޭޖް

ޕްރޮޑިއުސަރު ބުނަނީ "ވަފާތެރި ކެހިވެރިޔާ" ކެހި ނުދޭނެ ކަމަށް!

އާންމުކޮށް ދިވެހި ފިލްމަކީ ބެލުންތެރިންނަށް "ކެހި" ދޭ ފިލްމުތަކެކެވެ. އެންމެފަހުން އެޅުވި ފިލްމު "ވާށޭ މަށާ އެކީ" އަކީ ހަމަ ރަނގަޅަށް ވެސް "ވަފާތެރި ކެހިވެރިއެކެވެ." އެކަމަކު ކުރިއަށް އޮތް އޮރިޖިނަލް "ވަފާތެރި ކެހިވެރިޔާ" ގެ ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ ނުވަތަ ދިވެހި ސިނަމާގެ ސްޓޭޖަށް މަޝްހޫރު ނަމުން ނަމަ، މުހައްމާ ބުނަނީ އޭނާގެ މި ފިލްމަކީ ބެލުންތެރިންނަށް ކެހިދޭނެ ފިލްމެއް ނޫން ކަމަށެވެ.

"ދިވެހި ފިލްމު ބަލާ މީހުންނަށް ހާއްސަ ފިލްމެއް މިއީ. އެ އޯޑިއެންސަށް ވަރަށް ފައްކާވާނެ މި ފިލްމު. ޔޫތު ފިލްމެކޭ އަޅުގަނޑު ނުބުނާނަން. އެކަމަކު ޒުވާނުން ވެސް މި ފިލްމު ނުބަލަންވީ އެއްވެސް ސަބަބެއް ނެތް. ހުރިހާ ރަހައެއް މީގައި ހިމެނޭ،" ކެހިވެރިކަމެއް ނެތި ޓިކެޓް ވިއްކަމުން އަންނަ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުހައްމާ ބުންޏެވެ.

މުހައްމާ މިހެން ބުނީމަ އެ ވާހަކައެއް ގަބޫލުނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީ އޭނާ އަކީ އަބަދުވެސް ބެލުންތެރިންނާއި އާންމުންގެ ޝައުގުވެރިކަމާ ކުޅެން ދަންނަ އެ ޝައުގުވެރިކަން ދަމައިގަތުމުގެ ކުޅަދާނަކަން ލިބިފައިވާ ފަންނުވެރިއަކަށް ވުމާއި ގިނަ ބަޔަކު އަބަދުވެސް އޭނާއާ ބެހޭ ގޮތުން ލަފާކުރާގޮތާ މުޅިން އިދިކޮޅަށް ނަތީޖާ ނެރެ އާންމުންނަށް ހައިރާންކަން ގެނެސްދޭ ފަރާތަށްވުމެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޭނާގެ އުފެއްދުމެއް ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތްކުރަމުން އަންނައިރު ރަށު ތެރެއަށް އަރައިގަނެފައި އޮތް ފޯރިގަނޑަށް ބެލި ނަމަވެސް، ދިވެހި ސިނަމާގެ މުހައްމާ އެނބުރި އަތުވެއްޖެކަމުގެ އިހްސާސް މިހާރު ވެސް އެންމެނަށް ކުރެވެން ފަށައިފި އެވެ. ދެކެދެކެވެސް މުހައްމާ ވަރެއް މި ފިލްމީ ދާއިރާއަކުން ނުދެކެމޭ ބުނަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ވަފާތެރި ކެހިވެރިޔާ އަކީ އަހަރުގެ ބޮޑު ފިލްމު!

މިއީ އޭގައި ސުވާލެއް ވެސް އުފެދޭ ވަރުގެ ކަމެއް ނޫނެވެ. މުހައްމާ އަކީ ބޮޑެތި ކަންތައްކޮށް ބޮޑެތި ފިލްމުތައް އަބަދުވެސް ގެނެސްދޭ ފަރާތެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިކަން ލިބިވަޑައިގަތުމުގެ ކުރިން، އެންމެފަހުން ގެނެސްދިން ފިލްމު "ނިއުމާ" އަކީ ވެސް އޭނާގެ ނަމޫނާ މަސައްކަތެކެވެ. ހަމަ، ވަރަށް ބޮޑު ފިލްމެކެވެ.

އެކަމަކު އޭނާ ބުނަނީ މިފަހަރުގެ ފިލްމު "ނިއުމާ" އަށް ވުރެ ވެސް ބޮޑު ކަމަށެވެ. އެއީ ތެދެކެވެ. ހަގީގަތަށް ބުނަންޏާމު، މުހައްމާގެ މި އާ ފިލްމަކީ، އަހަރުގެ އެންމެ ބޮޑު ފިލްމެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ވާހަކައަކަށް އަލީ ސީޒަން ސްކްރިޕްޓް ތައްޔާރުކޮށްގެން އޭނާ ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮމޯޝަނަލް ޕޯސްޓަރުތައް ގުނައިލިޔަސް މިއީ ކިހާ ވަރެއްގެ ބޮޑު ފިލްމެއްކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މިވަރުގެ ކެމްޕޭނެއް ވެސް ދިވެހި ފިލްމެއްގެ ތާރީޚުގައި ބަޔަކު ޖެއްސިކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ.

ފިލްމުގެ ޕްރޮމޯޝަންތަކުގެ އަގު އެކަނި ވެސް ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ އަށް އަރަ އެވެ.

"މި ފިލްމުގެ މާކެޓިންނަށް އެކަނި ވެސް 400،000 ރުފިޔާ އެބައަރާ. އަދި ފަސް ލައްކަ އަށް އަރާނެ ހުރިހާ ކަމެއް ނިމޭއިރު. އެހެންވީމަ ނިއުމާގެ ބަޖެޓަށް ވުރެ ވެސް މި ފިލްމުގެ ބަޖެޓް އެބަ ބޮޑުވޭ،" މުހައްމާ ބުންޏެވެ.

އޭނާގެ ފިލްމުގެ ޕްރޮމޯޝަނަށް "މޯލްޑިވިއަން އައިޑޮލް" އިން 15،000 ޑޮލަރުގެ ސްޕޮޓެއް ގަނެފައިވާކަމީ ވެސް މި ފިލްމުގެ ހައިބަތު ދައްކުވައިދެ އެވެ.

ޕްރިމިއާ ނައިޓް ވަރަށް ހާއްސަ! ވަރަށް އަގުބޮޑު!

ފަހުގެ ތާރީޚެއްގައި ވެސް އެންމެ ތަފާތު ޕްރިމިއާ ނައިޓެއް އޮލިމްޕަހުން ފެނިގެން ދިޔައީ މުހައްމާގެ ފިލްމެއްގަ އެވެ. އެއީ "ނިއުމާ" ރެޑް ކާޕެޓް ޕްރިމިއާ އެވެ.

މުހައްމާ ބުނަނީ މިފަހަރުގެ ޕްރިމިއާ އަދި އެއަށް ވުރެ ވެސް ކުލަގަދަވެފައި ހާއްސަ ކަމަށެވެ. ސަބަބަކީ "ވަފާތެރި ކެހިވެރިޔާ" ގެ ރެޑްކާޕެޓް ސީދާ މި ފިލްމުގެ ބެލުންތެރިންނަށް ހާއްސަކޮށްފައިވުމެވެ. މިއީ ވެސް މި ފިލްމު އޭގެ ބެލުންތެރިންނަށް ކެއްސެއް ނުދޭނެ ކަމުގެ އިޝާރާތެއް ނޫން ހެއްޔެވެ؟

ޕްރިމިއާ ނައިޓްގެ ހާއްސަ އެހެން ކަންކަމަށް ބަލައިލާއިރު އެ ރެއަކީ އަގުބޮޑު ރެއެއްކަން ފާހަގަކޮށްލެވެ އެވެ. ފިލްމުގެ ފުރަތަމަ ޝޯއިން ގޮނޑިއެއް ހޯދަން ބެލުންތެރިން 200ރ. ހޭދަކުރަން ޖެހޭއިރު ޝޯއަށް ދާ ބެލުންތެރިންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ދެކެދެކެވެސް ޕްރޮޑަކްޝަން އިން ރާވާފައިވާ ހަރަކާތްތަކުގެ އަގު ވެސް ވަަރަށް ބޮޑެވެ.

"ހަމައެކަނި ފިލްމެއް ނޫން އެރޭ ފެންނާނީ. ވަރަށް ގިނަ ކަންތަކެއް ހާއްސަވެގެން އެބަދޭ ޕްރިމިއާ ނައިޓްގައި. އެހެންވީމަ 200 ރުފިޔާ އަށް ޝޯގެ އަގު ނަހަދާނަމަ އަޅުގަނޑުމެންނަށް ވެސް ވޯތެއް ނޫން،" މުހައްމާ ބުންޏެވެ.

"މިފަހަރުގެ ޝޯގައި ރެޑް ކާޕެޓުން ފެނިގެންދާނީ ވެސް ބެލުންތެރިން. އެކްޓަރުންނެއް ނޫން. ތަފާތު ގޮތަކަށް ބެލުންތެރިންނަށް އަޅުގަނޑުމެން މަރުހަބާ ކިޔާނީ. ފުރަތަމަ ޝޯ އިން ގިފްޓް ޕެކްސްތަކާއި ވަރަށް ހާއްސަ އިންޓަވަލްއެއް ބެލުންތެރިންނަށް ލިބޭނެ. އެއްވެސް ބޭފުޅަކު އިންޓަވަލް ގަންނާކަށް ނުޖެހޭނެ އެ ރެއަކު. އޭގެ އިތުރުން މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތުން އެންމެ ފުރަތަމަ އާންމުންނަށް ޝޯއެއް ހުށަހަޅައިދޭނީ ވެސް މި ފިލްމުގެ ޕްރިމިއާ ނައިޓްގައި."

ފިލްމުގެ ޕްރިމިއާ ނައިޓަކީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ.

ވަފާތެރި ކެހިވެރިޔާގެ މާނަ އޮތީ ސީޒަންގެ ބަނޑުގައި!

ސަމާސާއަކަށް ހަދާލާފައި މުހައްމާ ބުނީ މިހެންނެވެ.

"މިއީ އަލީ ސީޒަންގެ ނަމެއް. ސީދާ އޭނަ ފިލްމަށް ދީފައި އޮތް ނަމެއް. ފިލްމަކަށް މި ނަން ދޭން އޭނަ ބޭނުންވެގެން އުޅޭތާ ވެއްޖެޔޯ ވަރަށް ގިނަ ދުވަސް. އެހެންވީމަ އަޅުގަނޑު ވެސް ބޭނުންވީ މި ނަން ފިލްމަށް ކިޔަން. ދެން ޅެންވެރިޔާގެ ބަނޑުގައޭ މާނަ އޮންނަނީ ބުނާ އުސޫލުން މި ފިލްމުގެ ނަމުގެ މާނަ އޮތީ ސީޒަންގެ ބަނޑުގައޭ ބުނެވިދާނެ،" މުހައްމާ ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ ނަމަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް އެކަމުގައި ޝަކުވާއެއް ނެތް ކަމަށާއި ނަމުގައި މައްސަލައެއް ވެސް ނެތް ކަމަށެވެ.

"ފިލްމަށް ވަފާތެރި ކެހިވެރިޔާއޭ ކިޔާތީ ބައެއް މީހުން މި ބުނަނީ ކިހިނެތް ހެއްޔޭ، ވަފާތެރިވެފަ ކެހިވެރިޔަކަށް ވެވޭނީ. ކުރު ޖަވާބަށް ދެންޏާމު، ކެހިވެރިޔެކޭ މީހަކަށް ދިމާލަށް ބުނެވޭނީ އެ މީހަކު ކޮންމެ ވެސް ޒަމާނެއްގައި ވަފާތެރި ވެސް ވެފައި އޮތީމައޭ،" މުހައްމާ ބުންޏެވެ.

"ކްރިއޭޓިވް ކޮންމެ މަސައްކަތަކަށް އަޅުގަނޑު ގަބޫލުކުރަނީ ހަމަ ކޮންމެ ނަމެއް ވެސް ކިއިދާނެއޭ."