އެމެރިކާ

ކެނޑިޑެސީ ޔަގީން ނުވަނީސް ކްރޫޒްގެ ރަނިން މޭޓަކަށް ފިއޮރީނާ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާރު ޕްރައިމަރީގައި ވާދަކުރައްވާ ޓެޑް ކްރޫޒް އޭނާގެ ރަނިން މޭޓަކަށް ކާލީ ފިއޮރީނާ ހަމަޖައްސައިފި އެވެ. ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރަން ޓިކެޓް ޔަގީން ވެފައި ނުވަނީސް ކްރޫޒް ރަނިން މޭޓެއް އައްޔަނުކުރުމުން ގިނަ ބަޔަކު ވަނީ ކްރޫޒް އަށް ފާޑު ކިޔާފަ އެވެ.

ޕާޓީގެ ޕްރައިމަރީގައި ބޮޑު އަގުލަބިއްޔަތަކުން ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް ދަނީ ކުރި ހޯއްދަވަމުންނެވެ.

ފިއޮރީނާ އަކީ ވެސް ކުރިން ޕްރައިމަރީގައި ވާދަކުރެއްވެވި ކެނޑިޑޭޓެކެވެ. ނިއު ހެމްސްފަޔާގެ ޕްރައިމަރީގައި ބޮޑު އަގުލަބިއްޔަތަކުން ބަލިވުމުން ފިއޮރީނާ ވަނީ އިންތިހާބީ ރޭހުން ވަކިވެ ކްރޫޒް އަށް ތާއީދުކޮށް ކެމްޕޭނުގައި އިސް ދައުރެއް އަދާކުރަން ފައްޓަވާފަ އެވެ. އަދި މީގެ އިތުރުން ފިއޮރީނާ އަކީ ޓެކްނޮލޮޖީ ކޮމްޕެނީ ހިއުލެޓް ޕެކާޑްގެ ކުރީގެ ސީއީއޯ ވެސް މެ އެވެ.

ހިއުލެޓް ޕެކާޑްގެ ސީއީއޯގެ މަގާމުގައި ހުންނެވި އިރު ފިއޮރީނާ ވަނީ 30،000 މީހުން ވަޒީފާއިން ވަކިކޮށްފަ އެވެ. އޭގެ ފަހުން އާންމުންގެ މެދުގައި ފިއޮރީނާ އަށް ލިބިފައި އޮތް ތާއީދުވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ.

ރިޕަބްލިކަން ޕްރައިމަރީގެ އެންމެ ކުރީގައި މިހާރު ޓްރަމްޕް ހުންނެވި ނަމަވެސް ޕާޓީގެ ކެނޑިޑޭޓަކަށް ވާން ހަމަވާންޖެހޭ ޑެލިގޭޓުންގެ ވޯޓް އަދި ހަމައެއް ނުވެ އެވެ. އެޕާޓީގެ ކެންޑިޑޭޓަށްވާން 1،237 ޑެލިގޭޓުންގެ ވޯޓު ލިބެން ޖެހެ އެވެ. ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރަމުންދާ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ.